ތަޢުލީމު

މާލޭގެ ސްކޫލްތަކާއި ފުވައްމުލަކުގައި ބީޓެކް އޭލެވެލް ފަށަނީ


މާލޭގެ ސްކޫލްތަކާއި، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބީޓެކް އޭލެވެލް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަތު ޝިހާމް މިހާރު ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ އެ ސްކޫލްގައި އަންނަ މާޗް މަހުގައި އޭލެވެލްގެ ކިޔެވުން ފެށިގެންދާނީ "އޭލެވެލް ބީޓެކް" ޕްރޮގްރާމާއެކުގައި ކަމަށެވެ.އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ  ބީޓެކް އޭލެވެލް ޕްރޮގްރާމް މިހާތަނަށް ފައްޓަވާފައި ވަނީ ހަމަ އެކަނި އައްޑޫ ހައިސްކޫލްގައި ކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ ތެރޭގައި އިތުރު ސްކޫލްތަކުގައި މި ޕްރޮގްރާމް ފެށިގެންދާނެކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއޝަތު ޝިހާމް، ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެ ރަށުގެ ހަތަރު ސްކޫލަކަށް ވަޑައިގެން އެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ސްކޫލްތައް ހިންގެވުމާއި، ތައުލީމީ އޮނިގަނޑު ހަރުދާނާކުރެއްވުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.މީގެ އިތުރުން މިނިސްޓަރ ގެ މި ދަތުރުފުޅުގައި މަދަރުސަތުލް މުޙައްމަދު ޖަމާލުއްދީނާއި، ޙާފިޒު އަޙުމަދު ސްކޫލާއި، ފުވައްމުލަކު ސްކޫލަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.މި ޒިޔާރަތުގައި  ސްކޫލްތަކުގެ އިސް މެނޭޖްމަންޓާއި ޕީޓީއޭގެ މެންބަރުންނާ ބައްދަލުކުރައްވައި، ސަރުކާރުން ތަންފީޒުކުރައްވަމުން ގެންދަވާ ތަޢުލީމީ ސިޔާސަތުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މިގޮތުން މައިގަނޑު 5 ސިޔާސަތަކަށް ޚާއްޞަގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. އެއީ، އެއްވެސް ކުއްޖަކު ބާކީނުކުރެއްވުމުގެ ސިޔާސަތާއި ސްކޫލްތަކަށް ޙާޟިރުނުވާ ދަރިވަރުންގެ ތެރެއިން ސްކޫލުން ވަކިކުރެވޭ ކުދިންގެ ޢަދަދު މަދުކުރެއްވުމުގެ ސިޔާސަތާއި ސްކޫލްތަކުގައި ކިޔަވައިދެއްވުމުގެ ފެންވަރު މަތިކުރެއްވުމުގެ ސިޔާސަތާއި ދަސްވާރު ޕްރޮގްރާމާއި ބީޓެކް ޕްރޮގްރާމްގެ މަޢުލޫމާތުވެސް ހިމެނެއެވެ.މިނިސްޓަރގެ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.