ޚަބަރު

ޕިކްނިކް އައިލެންޑް "ކުޑަގިރި" އަންނަ މަހު ހުޅުވާލަން މަސައްކަތްކުރަނީ


ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހުގެ ތެރޭގައި އާއްމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ޕިކްނިކް އައިލެންޑް ހުޅުވުމުގެ ފަހުގެ ތައްޔާރީތައްކަމަށެވެ.

ސަރުކާރުން ކުރިން ނިންމާފައި އޮތީ މިއަހަރުގެ މިނިވަންދުވަސް، ޖުލައި 26ވަނަ ދުވަހު ޕިކްނިކް އައިލެންޑް ހުޅުވާލުމަށެވެ. ނަމަވެސް ފަހުން އެ މުއްދަތު ފަސްކޮށްފައިވަނީ، ރަށަކީ ހިއްކާފައިވާ ރަށަކަށް ވުމާއެކު އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށެވެ.

އަކްރަމް ކަމާލުއްދީން ވިދާޅުވީ، ރަށް ފެހި ކުރުމުގެ މަސައްކަތްތައް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާކަމަށެވެ. އެގޮތުން ގަސް އިންދިމުގެ އެކި ކަހަލަ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޕިކްނިކް އައިލެންޑްގައި ޤާއިމުކުރާ ޚިދުމަތްތަކާއި ފެސިލިޓީތަކުގެ %95 މިހާރު ނިމިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އަމާޒަކީ އަންނަ މަހު، ރަށް އާއްމުންނަށް ދަތުރުދިއުމަށް ހުޅުވާލުމަށްކަމަށެވެ.

މާލެ ކައިރިން ދަތުރުދާނެ ރަށެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. ކުރިން މި ސަރަޙައްދުގައި ދަތުރު ދިއުމަށް ބޭނުންކުރަމުން އައި ކުޑަބަނޑޮސް ރިސޯޓް އުވާލީ ނިމުނު ސަރުކާރުން، އެރަށް ރިސޯޓް ހެދުމަށް ދޫކުރުމަށް 2013ވަނަ އަހަރުއެވެ. އާއިލާއާއެކު ހިތްހަމަޖައްސާލާ ދަތުރުދާނެ ރަށެއް މި ސަރަޙައްދުގައި ނެތުމުގެ ޝަކުވާއަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރަނީ މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެންނެވެ. އަދި ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ވަނީ ހަދާފައެވެ. މިއީ މާލެއިން ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.

މިއީ ދަތުރު ދިއުމަށް ޚާއްސަކޮށް ރާއްޖޭގައި ތަރައްޤީކުރާ މިފަދަ ފުރަތަމަ ރަށެވެ. ރަށް ހިއްކުމާއި، ޑިޒައިން އަދި ޚިދުމަތްތައްވެސް ޤާއިމުކޮށްފައިވަނީ އެކަމަށް ޚާއްސަކޮށެވެ.

މި މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ 2 ފިޔަވައްސަކަށެވެ. ސަރުކާރުން ޕްލޭން ކުރަނީ ޕިކްނިކް އައިލެންޑްގެ ފުރަތަމަ ފިޔަވަހީގައި ހިމަނާފައިވާ، އަސާސީ ޚިދުމަތްތައް ޤާއިމުކޮށް ރަށް ދަތުރުދިއުމަށް ހުޅުވާލުމަށެވެ.

އެގޮތުން ފްރަންޓް އޮފީހަކާއި އިންޖީނުގެއާއި މިސްކިތާއި ދަތުރުދާ މީހުން ބޭނުންކުރުމަށް 15 ހަޓްވެސް ވަނީ ހަދާފައެވެ. އަދި އާއްމު ފާޚާނައެއްވެސް ހަދާފައިވެއެވެ.

މީގެއިތުރުންވެސް ވޯޓަރ ސްޕޯޓްސްއާއި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހުންނާނެއެވެ. ރަށުގެ މަސައްކަތް ނިމޭއިރު އެތަނުގައި، ރޭގަނޑު މަޑުކުރެވޭގޮތަށް އެކަމަޑޭޝަން ބޮލޮކްތައްވެސް ހުންނާނެއެވެ. ރަށް ބޭނުންވާ ކަރަންޓާ ފެނާއި ނަރުދާމާގެ ޚިދުމަތްތައްވެސް މިހާރު ވަނީ ޤާއިމުކޮށް ނިމިފައެވެ.

ޕިކްނިކް އައިލެންގެ މަސައްކަތް ކުރަނީ ސަރުކާރުގެ 5 ކުންފުންޏެއް ގުޅިގެންނެވެ. ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރު ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ދެން ބައިވެރިވަނީ އެމްޓީސީސީ، އެމްޑަބްލިއެސްސީ ފެނަކަ އަދި ސްޓެލްކޯއެވެ.

މި ޕްރޮޖެކްޓްގެ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަރަށް ގާތުން ބައްލަވަމުންދާ މަސައްކަތެކެވެ.