ޚަބަރު

ވެނެޒުއެލާގައި ބިންގަނޑު ކަނޑައިގެން ގޮސް ތިން މީހުން މަރުވެއްޖެ


ވެނެޒުއެލާގެ އުތުރުގެ ސަރަޙައްދަކަށް ބޯކޮށް ވާރޭވެހި، ހިނގި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި ތިން މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އަރަގުއާ ސްޓޭޓްގެ ވެރިރަށް މަރަކާއިގެ އަވަށެއް ކަމުގައިވާ އެލް ކަސްޓާނޯގައެވެ.

އެލް ކަސްޓާނޯ އަކީ ވެރިރަށް ކަރާކަސްގެ ހުޅަނގުން 80 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މި ހާދިސާގައި ކިސަޑާއި ހިލަތަކުގެ ދަށުވި މީހުން ސަލާމަތް ކުރުމަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހުސްވި ހަފުތާގައި ވެސް ވެނެޒުއެލާގައި ވަނީ މި ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. ފަރުބަދަމަތީ ރަށެއް ކަމުގައިވާ ލަސް ޓެހޭރިޔާސްގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 54އަށް މައްޗަށް އަރާފައެވެ. އަދި، ފަރުބަދަމަތިން ފޭބި ކިސަޑުތަކުގެ ދަށުގެ ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު މީހުން ހޯދުމަށް އޮފިޝަލުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް އެ ޤައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ އެ ސަރަޙައްދަށް ޒިޔާރަތް ކުރައްވާފައެވެ. "އަދިވެސް އަށް މީހުން ނުފެނޭ. އެ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އަދިވެސް ހުއްޓައެއް ނުލަން،" މަޑޫރޯ ވިދާޅުވިއެވެ.

54,000 މީހުންގެ އާބާދީއެއް އޮންނަ ލަސް ޓެހޭރިޔާސްގައި ހިނގި މި ހާދިސާއަކީ ފާއިތުވި 20 އަހަރެއްހާ ދުވަހުގެ ތެރޭގައި ވެނެޒުއެލާގައި ހިނގާފައިވާ އެންމެ ހިތާމަވެރި، އަދި އެންމެ ނުރައްކާތެރި ޤުދުރަތީ ހާދިސާއެވެ. ލަސް ޓެހޭރިޔާސްއަށް ފަހު މަޑޫރޯ ވަނީ އެންމެ ފަހުން ބިންގަނޑު ކަނޑައިގެން ދިޔަ އެލް ކަސްޓާނޯއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

ވެނެޒުއެލާއާއި ދެކުނު އެމެރިކާގެ އެހެން ޤައުމުތަކަށް މި މަހުގެ ކުރީކޮޅު ތޫފާން ޖޫލިޔާ ވަނީ އަރާފައެވެ. ތޫފާނުގެ ސަބަބުން ވެނެޒުއެލާއަށް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ. އަދި، ކޯރުތައް ފުރިގެން ބަންޑުންވިއެވެ. ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ހިނގާފައިވާ ލަސް ޓެހޭރިޔާސްއަކީ ވެރިރަށް ކަރާކަސްއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.