ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ބ. އަތޮޅު މުބާރާތުގެ ފައިނަލަށް ނޮޓިލަސް އާއި މުބާރާތް ބާއްވާ ފޯ ސީޒަންސް ލަނޑާ ގިރާވަރު ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެ ނިމުނުއިރު ފައިނަލުގެ ފުރަތަމަ ޖާގަ ފޯ ސީޒަންސް ހޯދީ ސެމީފައިނަލުގައި މި ޒޯނުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ސޮނޭވާފުށި 3-2 އިން ބަލިކޮށްގެންނެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސޮނޭވާފުށިންނެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާރިސް އެވެ. ނަމަވެސް މި ލީޑު އެ ޓީމަށް ހިފަހައްޓާލެވުނީ ދެ މިނެޓަށެވެ. މެޗުގެ ހަ ވަނަ މިނެޓުގައި މުހައްމަދު އައްބާސް ވަނީ ފޯ ސީޒަންސް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ފަހަތުން އަރާ ލީޑު ނެގި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ފޯ ސީޒަންސް އަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާޖިހު ނަޖުމީ އެވެ.
ފޯ ސީޒަންސްގެ ތިންވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް މުހައްމަދު އަޒީމް ކާމިިޔާބުކުރި އިރު އޭގެ ދެ މިނެޓުފަހުން ސޮނޭވާފުށީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަބްދުލް މަޖީދު އިބްރާހީމެވެ.
މެޗުގައި ސޮނޭވާފުށީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން އަބްދުލް މަޖީދު އިބްރާހީމާއި މުހައްމަދު ފާރިސް އެވެ. ފޯ ސީޒަންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނާޖިހު ނަޖުމީ އާއި މުހައްމަދު އައްބާސްގެ އިތުރުން މުހައްމަދު އަޒީމެވެ.
ނޮޓިލަސް ފައިނަލަށް ދަތުރުކުރީ މިލައިދޫގެ މައްޗަށް 4-0 އިން ކުރިހޯދައިގެންނެވެ. މެޗުގައި ނޮޓިލަސްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުލް ކަރީމް އަހުމަދެވެ. އޭގެ ހަތަރު މިނެޓުފަހުން އަހުމަދު ސަބާހު ނޮޓިލަސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ހަމީދެވެ. އަދި ހަތަރުވަނަ ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަހުމަދު ސަބާހެވެ.
މި ޒޯނުގެ އެންމެ ކާމިޔާބު ޓީމު ސޮނޭވާފުށި ސެމީފައިނަލާ ހިސާބުން މުބާރާތާއި އަލްވަދާއު ކިއިރު، އެ ޓީމަކީ މި ޒޯނުގައި މުބާރާތް މިހާތަނަށް ބޭއްވި ތިން އަހަރުގެވެސް ޗެމްޕިއަން ޓީމެވެ. އެ ޓީމު ވަނީ 2014، 2016 އަދި 2019 ގައި ޗެމްޕިއަންކަން ހޯދާފައެވެ.
ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރެވެ.