މި ފަހަރުގެ ބަލޮންޑޯ އެވޯޑް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ކާމިޔާބުކޮށްފިއެވެ.
މިއީ މި އެވޯޑް އޭނާ ހާސިލް ކުރި ފުރަތަމަ ފަހަރެވެ.
މިއިނާމަކީ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދެވޭ އެވޯޑެކެވެ. ބެންޒީމާވަނީ މިދިޔަ ސީޒަންގައި ރެއާލްއަށް ޔުއޭފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން އޭނާވަނީ 46 މެޗްގައި 44 ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދީފައެވެ.
މިފަހަރު ދެވަނައަށް ދިޔައީ ބަޔާން މިޔުނިކަށް މިސީޒަންގައި ލިވަޕޫލުން ބަދަލުވި ސެނެގާލްގެ ފޯވަޑް ސަޑިއޯ މާނޭއެވެ. އަދި ތިންވަނައަށް ދިޔައީ މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރުއިނަރއެވެ.
މިއީ 1998 ވަނަ އަހަރަށް ފަހު ފަރަންސޭސި ކުޅުންތެރިޔަކަށް މިއެވާރޑް ހާސިލް ކުރެވުނު ފުރަތަމަ ފަހަރެވެ. 1998 އަހަރު އެއިނާމް ހާސިލް ކުރި ފަރަންސޭސިވިލާތުގެ ކުރީގެ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން ވަނީ ޕެރިހުގައި ރޭ ބޭއްވި މިހަފްލާގައި ބައިވެރިވެފައެވެ. އަދި ބެންޒީމާއަށް މިއީނާމް ހަވާލު ކޮށްދިނީވެސް ޒިދާންއެވެ.
މި އެވާރޑް ހާސިލް ކުރުމަށްފަހު ވާހަކަ ދައްކަމުން ބެންޒީމާ ހާމަކުރިގޮތުގައި އޭނާ ކުރިމަތީ އިން މިއެވާރޑުގެ ސަބަބުން އޭނާ މިވަގުތު ވަރަށް ފަހުރުވެރިވާކަމަށެވެ. އަދި މިއީ އޭނާ ކުޑައިރުން ފެށިގެން ދެކެމުންދިޔަ ހުވަފެނެއްކަމަށާއި އޭނާ މިމަގާމަށް ވާސިލް ވުމަށްތަކައި އަބަދުވެސް މަސައްކަތް ކުރި ކަމަށެވެ. އަދި މިކަމުން ދައްކުވާދެނީ ކޮންމެ ކަމަކީވެސް މަސައްކަތް ކޮށްފިއްޔާ ކުރެވިދާނެކަމެއްކަމަށްވެސް އޭނާ ބުންޏެވެ.
މިފަހަރުގެ ބެލޮން ޑިއޯ އެވާރޑް ލިބޭނީ ބެންޒީމާއަށް ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކީ އޭނާ ރެއާލްއަށް މިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުމެވެ. އޭނާ މިދިޔަ ސީޒަންގައި ކާމިޔާބުކުރި 44 ލަނޑުގެ ތެރޭގައި ޕެރިސް ސެއިންޓް ޖަރމެއިން އާއި ދެކޮޅަށް 17 މިނެޓްގެ ތެރޭގައި ކާމިޔާބުކުރި ހެޓްރިކާއި ޗެލްސީ އާއި ދެކޮޅަށް ކާމިޔާބު ކުރި ހެޓްރިކް ހިމެނެއެވެ. އަދި ހަމައެއާއެކު ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ދެލެގްގައި މެންޗެސްޓަރ ސިޓީ ކޮޅަށް ޖެހި ތިން ލަނޑުވެސް ފާހަގަ ވެގެންދެއެވެ. ބެންޒީމާ އަންނަނީ 2009 ވަނަ އަހަރުން ފެށިގެން ރެއާލް އަށް ކުޅެމުންނެވެ. އަދި ކުރިއަށް އޮތް ފީފާ ވާރލްޑް ކަޕްގައި ފަރަންސޭސި ޓީމަށް އޭނާ މުހިންމު ދައުރެއް އަދާކުރާނެކަމަށް ވަނީ ބެލެވިފައެވެ.