މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑްގެ ޝޯވތައް މިރޭ


"މޯލްޑިވިއަން އައިޑަލް"ގެ ގަދަ 12 އަށް ވާދަކުރާ ބައިވެރިން ހޮވުމަށް ބާއްވާ ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯވ ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 10:30ގައެވެ. ދުނިޔޭގެ ފެންވަރުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "އައިޑަލް" މި ބްރޭންޑް ރާއްޖޭގައި ލޯންޗްކޮށް، މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޕީ.އެސް.އެމުން މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާފައިވާއިރު، މި ޝޯވއަށް ބެލުންތެރިންގެ ފަރާތުން ދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ. މާލޭ ސިޓީގެ އޮޑިޝަންތަކާއެކު ޝޯވ ޕްރިމިއަރކޮށް، އަތޮޅުތަކުގައި ބޭއްވި އޯޕަން އޮޑިޝަންތަކާއި، ތިއޭޓަރ ރައުންޑްގެ ހުރިހާ ޝޯވތަކެއް އާއްމުންނާއި ހަމައަށް މިހާރު ވަނީ ގެނެސްދީފައެވެ. މިހުރިހާ އޮޑިޝަންތަކުގެ ތެރެއިން ގޯލްޑަން ޓިކެޓް ހޯދާފައިވާ ބައިވެރިންތަކުގެ މެދުގައި ޓާސްކްތަކެއް ހަވާލުކުރުމަށްފަހު، ޕިއާނޯ ރައުންޑްގައި ވާދަކުރާނެ ބައިވެރިންވެސް މިހާރުވަނީ ކަނޑައަޅާފައެވެ.ކުރިއަށް އޮތް ޕިއާނޯ ރައުންޑް ވެގެންދާނީ ބައިވެރިންނަށާއި، ބެލުންތެރިންނަށްވެސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެ ބުރެއްގެ ގޮތުގައި އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ޓީވީ ޝޯވއަކަށް ތައްޔާރުކޮށްފައިވާ އެންމެ އަގުބޮޑު ސެޓް، މިރޭގެ ޝޯވގައި އާއްމުންނަށް ފެނިގެންދާނެއެވެ. އަދި އެންމެ ޚާއްސަ ކަމެއްގެގޮތުގައި، ގަދަ 12 ބައިވެރިން ކަނޑައެޅުމުގައި ޖަޖުންގެ އިތުރުން ބެލުންތެރިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު މިރޭ ހުޅުވާލެވޭނެއެވެ. ޕިއާނޯ ރައުންޑުން ގާލާ ރައުންޑްގައި ވާދަކުރާނެ ގަދަ 12 ބައިވެރިން ހޮވާނީ ޖަޖުންގެ %50 އާއި، ބެލުންތެރިންގެ %50 ވޯޓާއެކުއެވެ. ޕިއާނޯ ރައުންޑް ދެއްކުމަށް ހަމަޖެހިފައި ވަނީ މިހާރު ހޮވިފައި ތިބި 16 ބައިވެރިންގެ ތެރެއިން ފަހަރަކު 8 ބައިވެރިން ލަވަ ހުށަހަޅާދޭގޮތަށް 2 ޝޯވއަކަށް ބަހާލައިގެންނެވެ. މިއިން ކޮންމެ ޝޯވއެއް ދައްކާ ހިސާބުން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލެވެނެއެވެ. އެގޮތުން ޝޯވދައްކާ ރެއިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖެހުމާހަމައަށް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓު ދެވޭނެކަމަށް އައިޑަލްގެ ޕްރޮޖެކްޓް ޓީމުން މައުލޫމާތުދެއެވެ. ބެލުންތެރިން އެންމެ ގަޔާވާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް، MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ޖެއްސެވުމަށްފަހު، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. އަދި ފޮނުވާ ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ.މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް ހެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި ޓީވީއެމްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.އައިޑަލްގެ ޝޯވތައް ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ، 22:30 ގައި ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.  މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.