ކުވެއިތުގައި ކުރިއަށްދާ 18 އަހަރުން ދަށުގެ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޒުވާން ޓީމުން ދެވަނަ ރިކޯޑެއް މުގުރާލައިފިއެވެ.
ޔޫތު އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން މުގުރާލީ މެޑްލީ ރިލޭގެ ޔޫތު ރެކޯޑެވެ. މި ރެކޯޑު ހެދި ޓީމުގައި ހިމެނޭ އެތްލީޓުންނަކީ އިބްރާހިމް ނާހިލް، ހުސެއިން ޒީކް ސުއާދު، ، ޔޫސުފް އާއިޝް މުހައްމަދު އަދި މުހައްމަދު މިންހާލް ޝާމިން އެވެ. މި އެތްލީޓުން ހިމެނޭ ޓީމު ރޭސް ނިންމީ ދެ މިނިޓް 04.92 ސިކުންތުންނެވެ.
މި ރިކޯޑު ކުރިން އޮތީ 2015 ވަނަ އަހަރުގެ އޭޝިއަން ޔޫތު އެތްލެޓިކްސް މުބާރާތުގައެވެ. އެ ފަހަރު ނިންމި ޓައިމިން އަކީ ދެ މިނިޓް 08.83 ސިކުންތެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖޭން ދެން ރިކޯޑު މުގުރާލާފައިވަނީ 100 މީޓަރު ދުވުމުގެ އަންހެނުންގެ ޔޫތު ގައުމީ ރެކޯޑެވެ. މި ރިކޯޑު ހަދާފައިވަނީ ރާއްޖޭގެ ސްޕްރިންޓަރު، މަރިޔަމް ރޫޔާ އަލީ އެވެ. މީގެކުރިން މި ރިކޯޑު އޮތީވެސް ރޫޔާ އަތުގައެވެ.
ރޫޔާ ހެދި ރިކޯޑު އޭނާ މުގުރާލާފައިވަނީ 12.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާ، ރެކޯޑް މުގުރާލާފައިވަނީ ހީޓް އެކެއްގެ ހަތަރު ވަނަ ހޯދައިގެންނެވެ.