ކުލަބު މޯލްޑިވްސް ކަޕް 2022 ގައި ކުލަބު އެޗްޑީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަ ހޯދިއިރު، ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އިމިގްރޭޝަން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ. 
އާދީއްތަ ދުވަހުގެރޭ ރެހެންދި ޓާފް ދަނޑުގައި ހަތަރު މެޗު ކުޅުނުއިރު، ފުރަތަމަ މެޗުގައި ގްރޫޕް އެޗްގެ އެސްޓީއޯ އާއި ޓީމް އެލައިޑް ބައްދަލުކުރި މެޗު އެސްޓީއޯއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. 
މި މެޗުގައި އެސްޓީއޯގެ އިސްމާއީލް އީސަ (މެސީ) ދެ ލަނޑު ޖެހިއިރު، އިނާން އަޙްމަދު ވަނީ ލަނޑެއް ޖަހައިފައެވެ. އެލައިޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނަޒީމް ގާސިމް (ޗޯޓު)އެވެ. 
އެޗްޑީސީ އާއި އެމްއެމްއޭ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެޗްޑީސީން ކާމިޔާބުކުރީ 10-2 ގެ ނަތީޖާއަކުންނެވެ. 
މި މެޗުގައި އެޗްޑީސީގެ ނާއިޒް ހަސަން (ދާދު) ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މީގެ އިތުރުން އަޙްމަދު ޝިޒާން އާއި، އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ލަނޑު ޖަހާފައެވެ،
އެމްއެމްއޭގެ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ސައިފް އާއި މުޙައްމަދު ފައިޒާމްއެވެ. 
ކުލަބް ޓީޓީއެސްގެ މައްޗަށް ދިވެހި ސިފައިންގެ ކުލަބުން ކުރިހޯދީ 6-4 ގެ ނަތީޖާއަކުންނެވެ. 
މި މެޗުގައި ސިފައިންގެ ކުލަބްގެ މުޙައްމަދު އަލާއު ވަނީ ތިން ލަނޑު ޖަހާފައެވެ. މީގެ އިތުރުން ހަސައން ފަވާޒް ދެ ލަނޑު ޖެހިއިރު، އަޙްމަދު ޝައިހާން ޖަލީލް ވަނީ ލަނޑު ޖަހާފައެވެ. 
މީގެ އިތުރުން ޓީޓީއެސްގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ޝިފާޒް އާދިލްއެވެ. 
ކުލަބް އިމިގްރޭޝަނުން މުލިއާގެ ރެކްރިއޭޝަން ކުލަބްގެ މައްޗަށް ކުރިހޯދީ 6-1 ގެ ނަތީޖާއަކުންނެވެ. 
މި މެޗުގައި އިމިގްރޭޝަންގެ ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކައިސާން ބިން ހިސާން އާއި، ޝާމިލް ރަޝީދު، އަޙްމަދު ފައްރާޙް، މުޙައްމަދު ރިފްޝާން، އަދި ހުސެއިން ނިޔާޒްއެވެ. 
މި މެޗުގައި މުލިއާގެ ރެކްރިއޭޝަނުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާދަމް ރިޝާދެވެ.