ޚަބަރު

ބީއެމްއެލްގެ ހެކަތަން 3 ޓީމަކުން ކާމިޔާބުކޮށްފި


ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހެކަތަން، 3 ޓީމަކުން ކާމިޔާބުކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ބީ.އެމް.އެލް ހެކަތަން ބާއްވާފައިވަނީ 'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' މި ޝިއާރުގެ ދަށުންނެވެ. 30 އަށް ވުރެ ގިނަ ބައިވެރިންނާއެކު، 48 ގަޑިއިރަށް ދެމިގެންދިޔަ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ވަނީ ހުށަހަޅާފައެވެ.

ހޮޓެލް ޖެންގައި ބޭއްވި، ހެކަތަން ކާމިޔާބުކުރި ފަރާތްތައް އިޢުލާންކުރުމުގެ ހަފްލާގައި ބީ.އެމް.އެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވަނީ ހުށަހެޅި ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.

"ފިންޓެކް ކޮމިއުނިޓީގެ ފަރާތުން މި ހެކަތަން އަށް ދެއްވި ޝައުގުވެރިކަމަކީ އަޅުގަނޑުމެން ވަރަށް އުފާލާއެކު ބަލައިގަންނަކަމެއް. މި ހެކަތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ވަނީ ލިބިފައި. ހުށަހެޅި ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބް އަށް މަރުހަބާ ކިޔަން" ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބީ.އެމް.އެލް ހެކަތަން ކާމިޔާބުކަމާއެކު ނިންމާލުމަށް އެބޭންކުން ވަނީ އެފަރާތްތަކުން މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް ހަމަޖެއްސުމާއި، ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާގެ އިތުރުން، ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ފުރިހަމަކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.