ޚަބަރު

ސިފްކޯހިޔާގެ "މޮކަޕް ރޫމް" އާންމުންނަށް ދައްކަން ހުޅުވާލަނީ


ސިފައިންގެ ކޯޕަރޭޓިވް ސިފްކޯއިން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯހިޔާގެ ފްލެޓްގައި ތައްޔާރުކުރެވިފައިވާ "މޮކަޕް ރޫމް" އާންމުންނަށް ދައްކާލަން ހުޅުވާލައިފިއެވެ.

ސިފައިންނަށް ޚާއްސަކޮށްގެން އިމާރާތްކުރަމުންދާ "ސިފްކޯހިޔާ" ލިބިފައިވާ މީހުންގެ ތެރެއިން، މޮކަޕް ރޫމް ބަލަން ބޭނުންވާ ފަރާތްތަކުން ސިފްކޯއިން ނެރެފައިވާ އިޢުލާނުގައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ނަން ނޯޓް ކުރުމަށް ސިފްކޯއިން ވަނީ އެދިފައެވެ. އަދި މޮކަޕް ރޫމް ބަލަންދާއިރު އާއިލާގެ އެއް މެންބަރަކު ގެންދެވޭނެ ކަމަށް ވެސް ސިފްކޯއިން ވަނީ ހާމަކޮށްފައެވެ.

ސިފްކޯހިޔާގެ ފްލެޓްގައި މިހާރު ތައްޔާރުކޮށްފައިވާ "މޮކަޕް ރޫމް" ބަލަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލިނަމަވެސް، "މޮކަޕް ރޫމް" ދައްކާލުމަށް ހަމަޖެހިފައިވާ ތާރީޚު އަދި އިޢުލާނެއް ނުކުރެއެވެ. ސިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، "މޮކަޕް ރޫމް" ދައްކަން ހަމަޖެހިފައިވާ ތާރީޚު ފަހުން އިޢުލާނު ކުރާނެއެވެ.

ސިފްކޯ ހިޔާގެ ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް 9 އަހަރު ފާއިތުވީއިރުވެސް އެމަސައްކަތް ނިމިފައެއް ނުވެއެވެ. މަސައްކަތް ނުނިމި ލަސްވީ ފްލެޓް އިމާރާތްކުރަމުން އައި ނޫމަޑި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ކުރީ ސަރުކާރުން ބާޠިލުކުރުމާއި ގުޅިގެންނެވެ. ނަމަވެސް އެފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި މިސަރުކާރުން ވަނީ އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައެވެ.