ޚަބަރު

މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ: މެޓް


ރާއްޖެއަށް މިހާރު ކުރަމުން އަންނަ މޫސުމީ ވިއްސާރަ މާދަމާއިން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށްހެން ބޯކޮށް ވާރޭ ވެހި ވިއްސާރަކުރަމުން އަންނަ އިރު މި ވިއްސާރައިގެ އަސަރު ބޮޑަށް ކޮށްފައި ވަނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށެވެ.

މި ވިއްސާރައިގައި ބައެއް ރަށްތަކަށް އުދަ އަރާ އެކި ވަރުގެ ގެއްލުންވެފައިވާއިރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ. އެ އިދާރާއިން ބުނިގޮތުގައި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި މޫސުން އެއްކޮށް ރަނގަޅުވާނެ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވިދާޅުވެއެވެ. ރާއްޖޭގެ ކަނޑުތައްވެސް އާންމުގޮތެއްގައި ގަދަވާނެކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ވިދާޅުވެއެވެ. ދެކުނަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭ އިރު ވިލާގަނޑުގައި 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ވިދާޅުވެއެވެ.

މި ދުވަސްވަރު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމް.އެން.ޑީ.އެފުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެގޮތުން އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިންވެސް ދަތުރުކުރަނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރުމަށްފަހު ކަނޑުމައްޗަށް އެރުމަށް އެމް.އެން.ޑީ.އެފުން އިރުޝާދުދީފައިވެއެވެ. އަދި ދަތުރު ކުރާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލައި ރައްކާތެރި މަގެއް ޚިޔާރުކޮށް ދަތުރުކުރުމަށްވެސް އެމް.އެން.ޑީ.އެފުން ވަނީ ނަސޭހަތްތެރިވެފައެވެ.