ޚަބަރު

ގޯއްޗާއި ފްލެޓަށް އެދި ހުށައެޅި ފޯމްތައް 3 މަސްދުވަހުގެތެރޭ އިވެލުއޭޓްކޮށް ނިންމަނީ


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށައެޅި ފޯމްތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އިވެލުއޭޓްކޮށް ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ ގޯއްޗާއި ފްލެޓަށް ހުށައެޅި 35861 ފޯމް އިވެލުއޭޓް ވަމުން އަންނަކަމަށެވެ. އެގޮތުން އެ ފޯމްތައް ޕޯޓަލްއަށް ސަބްމިޓް ކުރާ ހިސާބުން ފެށިގެން އޮޓޮމެޓިކުން އިވެލުއޭޓްވަމުންދާނެކަމަށާއި ދެން ކުރަން ޖެހޭނީ ފައިނަލް ވެރިފިކޭޝަންގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއްކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މިމަޝްރޫއުން ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައަޅާނީ އިންސާފުވެރިކަމާއެކު ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނެ ގޮތަށް ކަމަށެވެ.

ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުޞަތު މިދިޔަ ހޮނިހިރު ދުވަހަށް ހަމަވިއިރު މާލޭގައި މިވަގުތު ތިބި މީހުންގެ އިތުރަށް ރާއްޖެއިން ބޭރުން 64 ޤައުމެއްގައި ތިބި ދިވެހިންވެސް ޕޯޓަލް މެދުވެރިކޮށް ވަނީ ފޯމް ހުށައަޅާފައެވެ. މިގޮތުން ސުންގަޑި ހަމަވިއިރު 35861 ފޯމް ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި ބިންވެރިޔާ ސްކީމަށް 15،164 ފޯމު ހުށައަޅާފައިވެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމް ހުށައަޅާފައިވެއެވެ. އަދި މިސްކީމްގެ ދަށުން 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމް ވަނީ ހުށައަޅާފައެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. މިޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.