ތަޢުލީމު

އޭޑީކޭ ހޮސްޕިޓަލުން ސިއްޚީ ދާއިރާއާއި ގުޅޭ ކޯސްތަކެއް ފަށަނީ


އޭޑީކޭ ހޮސްޕިޓަލުން ސިއްޚީ ދާއިރާއާއި ގުޅޭ ކޯސްތަކެއް މިއަހަރުތެރޭގައި ފެށުމަށް އެހޮސްޕިޓަލުން ނިންމައިފިއެވެ.އޭޑީކޭ ހޮސްޕިޓަލުން މިއަހަރުތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ސިއްޚީ ދާއިރާއާއި ގުޅޭ ކޯސްތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވީ ހޮސްޕިޓަލްގެ ތެރެއިން ކިޔަވައިދިނުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ސްކޫލް އޮފް ހެލްތް ސައިންސަސްގެ ނަމުގައި ކިޔަވައިދޭނެ މަރުކަޒެއް ރަޖިސްޓަރކޮށް، ކޯސްތައް ބައްޓަންކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އިމަރޖެންސީ މެޑިކަލް ޓެކްނީޝަންގެ ސެޓްފިކެޓް ލެވެލް ކޯހެއް ފެށުމަށްޓަކައި ތައްޔާރީތައް ވަމުންދާކަމަށް. އައްފާލް ވިދާޅުވީ މި ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ލިބިފައިވާކަމަށެވެ.މީގެ އިތުރަށް ނަރުހުންނަށް ތަމްރީނު ދޭ ކޯހެއް ފެށުމަށް ތައިލެންޑް އާއި މެލޭޝިޔާގެ ޔުނިވަރސިޓީއަކާއެކު މަސައްކަތްކުރަމުންދާކަމަށް އައްފާލް ވިދާޅުވިއެވެ. އޭޑީކޭގެ، ސްކޫލް އޮފް ހެލްތް ސައިންސަސް،ގައި ކިޔަވައިދިނުމަށްޓަކައި ކްލާސްރޫމްތަކެއް ހޮސްޕިޓަލްތެރޭގައި ދަނީ ތައްޔާރުކުރަމުންނެވެ.އައްފާލް ވިދާޅުވީ މިތަނުން ތަމްރީނުވެގެންދާނީ، ދުނިޔޭގެ އެހެން ތަންތަނުގައި ޓީޗިންގ ހޮސްޕިޓަލެއްގެ ގޮތުގައި ކިޔަވައިދިނުން ކުރިއަށްދާގޮތަށްކަމަށެވެ. އަދި ކޯސްތަކުގައި ކިޔަވައިދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް ކިޔަވައިދިނުމުގެ ޤާބިލްކަމާއި ތަމްރީނު ލިބިފައިވާ، ދިވެހިންނާއި ބިދޭސީން ޙަރަކާތްތެރިވާނެކަމަށް އައްފާލް ވިދާޅުވިއެވެ.އޭޑީކޭއިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ފީއާއި ކޯހަށް ވަދެވޭނެ ޝަރުތުތަކުގެ މަޢުލޫމާތުތައް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.އޭޑީކޭއިން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަފާތު ދާއިރާތަކުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސްޕެޝަލިސްޓުންނާއި ސުޕަރސްޕެޝަލިސްޓުންގެ ޚިދުމަތް އެހޮސްޕިޓަލުން ދަނީ ފޯރުކޮށްދެމުންނެވެ.އޭޑީކޭ ހޮސްޕިޓަލުގައި ފަސްދޮޅަަހަށް ވުރެން ގިނަ ޑޮކްޓަރުން މަސައްކަތްކުރަމުންދާއިރު، ސްޕެޝަލިސްޓުންގެ ގޮތުގައި 40 ޑޮކްޓަރުން މަސައްކަތްކުރެއެވެ. އެހޮސްޕިޓަލްގައި ދިވެހި 20 ވަރަކަށް ޑޮކްޓަރުން މަސައްކަތްކުރަމުންދާއިރު، ދާއިރާތަކަށް ޚާއްސަވެފައިވާ 10 ވަރަކަށް ޑޮކްޓަރުން ދަނީ ޚިދުމަތްދެމުންނެވެ.