ސިއްހަތު

އިންޑިޔާގެ ޞިއްޙީ ދާއިރާގެ ފަރާތްތަކާއެކު ކޮންފަރެންސެއް ބާއްވަނީ




އިންޑިއާގެ
ހޮސްޕިޓަލްތަކާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާ ދެމެދު
ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިންޑިޔަން ހައިކޮމިޝަނުން
ބުނެފިއެވެ.



އިންޑިޔަން
ހައިކޮމިޝަނުން ރާއްޖޭގެ ހެލްތު މިނިސްޓްރީއާ ގުޅިގެން އިންތިޒާމްކުރާ މި
ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު ހޮޓެލް ޖެންގައެވެ.



ރާއްޖޭގައި
ހުންނަވާ އިންޑިއަން ހައިކޮމިޝަނަރ އަކިލޭޝް މިޝްރާ ވިދާޅުވީ އިންޑިއާގެ
ހޮސްޕިޓަލްތަކާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއެކު
މިބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރެވިދާނެ
ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށެވެ.




މި
ބައްދަލުވުމަކީ އަންނަ ހޮނިހިރު ދުވަހު އިންޑިއަން ހައިކޮމިޝަނުން
އިންތިޒާމުކޮށްގެން ފެށުމަށް ހަމަޖެހިފައިވާ ޞިއްޙީ ދުޅަހެޔޮކަމާގުޅޭ ހަފްތާގެ
ހަވާސާގެ ތެރެއިން ބާއްވާ ބައްދަލުވުމެކެވެ. މި އެކްސްޕޯގައި އިންޑިއާގެ 19
ހޮސްޕިޓަލަކުން ޑޮކްޓަރުންނާއި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކަމާބެހޭ ފަރާތްތަކުން
ބައިވެރިވާނެކަމަށް ހައިކޮމިޝަނުން ބުނެއެވެ.



ސިއްޙީ
ދުޅަހެޔޮކަމާގުޅޭ ހަފްތާގައި އެކްސްޕޯގެ އިތުރަށް މެޑިކަލް ކޭމްޕެއްވެސް ކުރިއަށް ގެންދިޔުމަށް އިންޑިޔާ ހައިކޮމިޝަނުން ވަނީ ނިންމާފައެވެ. މި ކޭމްޕްގައި އިންޑިޔާގެ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލާއި، މުމްބާއީ
ހޮސްޕިޓަލެއްގެ 3 ދާއިރާއެއްގެ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން އައިޖީއެމްއެޗްގައި
ބަލިމީހުން  ބެލުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން ފެބްރުއަރީ 14 ން 18 އަށް އެކިދުވަސްތަކަށް ބަހާލައިގެން ހިލޭ ޑޮކްޓަރަށް
ދެއްކުމުގެ ފުރުޞަތު މިކޭމްޕްގެ ތެރޭގައި ލިބިގެންދާނެކަމަށް އިންޑިއަން
ހައިކޮމިޝަނުން ވިދާޅުވެއެވެ.