ސިއްހަތު

މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގްރާމެއް މާދަމާ ފަށަނީ


މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގްރާމެއް މާދަމާ ކުރިއަށްގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނިންމަވައިފިއެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަންތަން ހޯއްދަވައި، ނައްތާލެއްވުމަށް ގޭގެއަށް ޒިޔާރަތްކުރައްވައި، ޢާއްމުންނަށް މަޢުލޫމާތުދެއްވުމުގެ ޕްރޮގްރާމެއް މާދަމާ މާލެ، ހުޅުމާލެ، ވިލިމާލެ އަދި އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. މިޕްރޮގްރާމްގެ ތެރޭގައި ޢާއްމުކޮށް ފެން ހަރުލާ، މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލުމަށް ބާރުއަޅާ މަސައްކަތްތަކެއް ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން ކުރިއަށް ގެންދާނެކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.މި ޕްރޮގްރާމްގެ ތެރެއިން، ގޭގެއަށް ޒިޔާރަތްކުރައްވައި، މަދިރިފަނި އާލާވާފަދަ ތަންތަން ހުރިތޯ ބައްލަވައި، އެފަދަ ތަންތަން ނައްތާލާނެގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށާއި، މީގެތެރޭގައި ވާރޭފެން ތާނގީ، ވަޅު، ވައިގޮޅި، ދިޔަ ދޮވި ފަދަ ތަންތަނުގައި މަދިރި އާލާވާގޮތަށް ހުރިތޯ ބައްލަވައި، ގެއާއި ގޯތިތެރޭގައި ފެންހަރުލާ ދަޅު، ފުޅި ފަދަ ތަކެތި ހުރިތޯ ބެއްލެވުންވެސް ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.މިމަސައްކަތުގައި ހޮނިހިރު ދުވަހު ހެނދުނު މެންދުރު ދޭއްޖެހުމާ ހަމައަށް ޓީމުތަކުން ޙަރަކާތްތެރިވަމުންދާނެކަމަށާއި މިކަމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުންދިނުމަށް އެ އެޖެންސީން އެދިވަޑައިގަންނަވައެވެ.