ޚަބަރު

ކުށެއްކޮށްފިނަމަ ކޮންމެ މީހަކަށްވެސް އަދަބު ލިބޭނެ- ދުންޔާ


ދައުލަތުގެ ކިތަންމެ މަތީ މަޤާމެއްގައި ހުންނެވި ބޭފުޅަކުވެސް ކުށެއް ކުރައްވައިފިނަމަ، ޤާނޫނުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ޑިމޮކްރެޓިކް އުސޫލުތަކާއި ހިލާފަށް ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކަށް ދައުވާކޮށް ޖަލަށްލަމުންދާކަމަށް ބުނެ ސީއެންއެންއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ރާއްޖޭއަކީ ޑިމޮކްރެޓިކް އުސޫލުން ހިނގާ ޤައުމެއްކަމަށާއި، ކުށެއް ކޮށްފިނަމަ ކޮންމެ މީހަކަށްވެސް ޤާނޫނުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި އެކަމުން ވަކި މީހަކު، ނުވަތަ ވަކި މަޤާމެއް ފުރުއްވާފައިވާ ބޭފުޅަކު އިސްތިސްނާ ނުވާނޭކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ.އަދި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ ކުރާ ކޮންމެ މީހަކަށްވެސް ޑިމޮކްރެޓިކް މުޖްތަމައުތަކުގައި ލިބިދޭ ހައްޤުތައް ރާއްޖޭގައިވެސް ދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އިންސާފުވެރި ޝަރީއަތަކާއި، ވަކީލުން އިހްތިޔާރުކުރުމާއި، އަދި މައްސަލަ ނިމޭ ގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ އެމައްސަލައެއް އިސްތިއުނާފްކުރުމުގެ ފުރުސަތު ރާއްޖޭގެ ޤާނޫނުތަކުން ލިބިދޭކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ދުންޔާ ވިދާޅުވީ، ގާޒީއަކު ނިޒާމުން ގެއްލުވާލައިގެން ރައީސް ނަޝީދު ކުރެއްވީ ވަރަށް ބޮޑު ކުށެއްކަމަށެވެ. އަދި ރައީސްކަންކޮށްފައިވާ ބޭފުޅަކު ވިޔަސް ކުށެއްކޮށްފިނަމަ ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން ފިޔަވަޅު އަޅުއްވާނޭކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ.