ޚަބަރު

ރާއްޖޭގައި އޮތީ ޑިމޮކްރެޓިކް އުސޫލުތަކުން ހިނގާ ވެރިކަމެއް


ރާއްޖޭގައި ހުދުމުހުތާރުވެރިކަމެއް ކުރަމުންދާކަމަށް ބުނެ ބައިނަލްއަޤްވާމީ ބައެއް ޖަމާތްތަކުންނާއި، ބައެއް ޤައުމުތަކުގެ ވެރިން ދައްކަވަމުންދާ ވާހަކަތައް ހާރިޖީ ވަޒީރު ދުންޔާ މައުމޫން ސީ.އެން.އެން އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ދޮގުކުރައްވައިފިއެވެ.ސީއެންއެންގެ އަމަންޕޯރ ފްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ރާއްޖޭއިން ދަނީ ޑިމޮކްރޮސީގެ ހަމަތައް ޤާއިމްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ މުޖްތަމައުގެ ލަފައާއި އިރުޝާދުގެ ދަށުން ރާއްޖޭގެ ޖުޑީޝަރީއާއި އެހެނިހެން ދާއިރާތަކަށް ގެންނަވަންޖެހޭ އިސްލާހުތައް ގެންނަވަމުންދާކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެދުގައި އަލުން މަޝްވަރާތައް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ރާއްޖޭގައި ޑިމޮކްރޮސީ ހަރުދަނާ ކުރުމަށް މަސައްކަތްކުރަމުންދާކަމުގެ ހެއްކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ހާރިޖީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމަކީ ހުރިހާ ޕާޓީތަކަށް ބައިވެރިވެވޭ، ބައިނަލްއަޤްވާމީ މުޖްތަމައުއިން އޮބްޒާވްކުރި އިންތިހާބެއްގައި ވާދަކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވި ބޭފުޅެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހިނގަމުންދަނީ ހުދުމުހުތާރު ވެރިކަމެއްކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަޤީޤަތާއި ހިލާފް ވާހަކަތަކެއްކަމަށް ފޮރިން މިނިސްޓަރ ސީއެންއެންއަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި ވިދާޅުވިއެވެ.