ދުނިޔެ

ޖަޕާނާއި ކޮރެޔާ އަދި އެމެރިކާ، އަސްކަރީ ގުޅުން ވަރުގަދަކުރަނީ


އުތުރުކޮރެޔާގެ ފަރާތުން ކުރިމަތިވަމުންދާ ބިރުދެއްކުންތަކާ ގުޅިގެން ޢަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އެމެރިކާއާއި ދެކުނު ކޮރެޔާއާ އަދި ޖަޕާނުން އެއްބަސްވެއްޖެއެވެ. އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޖޯސެފް ޑަންފަރޑް އާއި ޖަޕާނުގެ ދިފާޢީ ބާރުތަކުގެ ވެރިޔާ އެޑްމިރަލް ކަޗޫތޫޝީ ހަވާއީގައި ބައްދަލުކުރެއްވިއިރު ދެކުނުކޮރެޔާގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ލީ ސުންޖިން ވަނީ ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ. މިބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި މިތިން ބޭފުޅުންވަނީ އެބޭފުޅުންގެ ޤައުމުތަކުގެ މެދުގައި އަސްކަރީ އަދި އަމަނާބެހޭ މަޢުލޫމާތު ބަދަލުކުރުމާއި ސަލާމަތާގުޅޭ ކަންކަމުގައި ކުރިޔަށްވުރެ ބޮޑަށް ވިލަރެސްކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ. އުތުރު ކޮރެޔާއިން ދާދިފަހުން ވަނީ އެމެރިކާގެ ބައްރަށް ފޯރާވަރުގެ ދުރުރާސްތާގެ ބެލިސްޓިކް ރޮކެޓެއް ޓެސްޓްކޮށްފައެވެ. މިއީ ޖައްވަށް ސެޓަލައިޓެއް ފޮވުމަށްޓަކައި ފޮނުވި ރޮކެޓެއްކަމަށް އުތުރުކޮރެޔާއިން ބުނެއެވެ.