ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ މާލީ ވަޒީރަކަށް ޖެރެމީ ހަންޓު


އިނގިރޭސިވިލާތުގެ މާލީ ވަޒީރަކަށް ހުންނެވި ކްވާސީ ކްވާޓެންގް ވަކިކޮށް އެ މަޤާމަށް ޖެރެމީ ހަންޓު އައްޔަންކޮށްފިއެވެ.

އިނގިރޭސިވިލާތުގެ އައު މާލީ ވަޒީރަކަށް އައްޔަން ކުރި ޖެރެމީ ހަންޓަކީ މީގެ ކުރީން ސިއްޙަތާއި ބެހޭ ވަޒީރުކަންވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އައްޔަންކޮށްފައިވަނީ ބޮޑު ވަޒީރު ލިޒް ޓްރަސްއާއި ގާތްގުޅުމެއް އޮތް ކްވާސީ ކްވާޓެންގް ހުކުރު ދުވަހު މާލީ ވަޒީރުގެ މަޤާމުން ވަކިކުރުމަށްފަހުއެވެ. ޖެރެމީ ހަންޓު ވަޒީރުކަމާއި ހަވާލުވުމުން އޭނާ ވެގެންދަނީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މަޤާމާއި ހަވާލުވި 4 ވަނަ ބޭފުޅާއަށެވެ.

ޖެރެމީ ހަންޓު އައު މާލީ ވަޒީރުގެ ގޮތުގައި ހަމަޖެއްސުމަށްފަހު، ބޮޑު ވަޒީރު ލިޒް ޓްރަސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި ބާރުކުރުމަށް ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނުގެންނަކަމަށެވެ. ނަމަވެސް ކޯޕަރޭޓް ޓެކްސް ރޭޓު ދަށް ކުރުމަށް ނިންމި ނިންމުން އަނބުރާ ގެންނަވާނެކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

އިނގިރޭސި ސަރުކާރަށް އިތުބާރު ކުޑަވެފައިވާއިރު، މިއީ ސިޔާސީ ގޮތުން ލިޒް ޓްރަސް ސަރުކާރު ދަމަހައްޓަން ނިންމި ނިންމުމެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިނގިރޭސިވިލާތުގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އައީ، އެޤައުމުގައި ނަގަމުންދާ ޓެކްސް ރޭޓަށް ބޮޑު ބަދަލެއް ގެންނަން އައު ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. އެ ޤައުމުގެ މަޖިލީހަށް ޓެކްސް ރޭޓަށް ގެންނަ ބަދަލު ހުށަހަޅާފައިވާއިރު، މި ބަދަލަކީ އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި ބާރު ކުރުމަށް ގެންނަ ބަދަލެއްކަމަށް ސަރުކާރުން އޭރު ބުނިއެވެ. އަދި ރައްޔިތުންނަށް ކަރަންޓު ބިލު ކުޑަ ކުރުމަށް މިނީ ބަޖެޓުގެ ތެރެއިން، 60 ބިލިއަން ޔޫރޯ ޙަރަދު ކުރުމަށް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް މި ބަޖެޓަށް އާމްދަނީ ހޯދާނެ ގޮތެއް އޭރު ހާމަކޮށްފައި ނުވެއެވެ.

ބޮޑެތި ފާޑުކިއުންތަކެއް އާމާޒުވި މި ސިޔާސަތު އިއުލާންކުރުމާއެކު، އިނގިރޭސިވިލާތުގެ ޕައުންޑުގެ އަގުވެއްޓި، މާކެޓުގައި އިންގިރޭސި ބޮންޑުގެ އަގުވެސް ވެއްޓިގެން ދިޔައެވެ. މާކެޓަށް އައި ބޮޑެތި ބަދަލުތަކާއެކު އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކުން އިންގިރޭސި ބޮނޑުތައްވެސް ގަންނަން ވަނީ ފަށާފައެވެ. މިއީ ބޮނޑުތަކުގެ އަގު ވެއްޓިޔަ ނުދީ ހިފެހެއްޓުމަށެވެ.

އިންގިރޭސި މާލީ ވަޒީރުކަމާއި ޖެރެމީ ހަންޓު ހަވާލުވިއިރު، ކްވާސީ ކްވާޓެންގ ވެގެންދަނީ އެ ޤައުމުގެ މާލީ ވަޒީރުކަން އެންމެ ކުރު މުއްދަތަކަށް ކުރެއްވި އެއް ބޭފުޅަކަށެވެ.