ޚަބަރު

2030ގެ ލަޑުދަނޑިތައް ހާސިލުކުރުމުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ


ސާސްކަފްގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީއަށް ބަލާއިރު، ދެހާސް ތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައިވެސް ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާނެކަމުގެ ޔަޤީކަން އެބައޮތްކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދެހާސް ތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްމުގެ ގޮތުން މިއަދު ބޭއްވެވި މަސައްކަތު ބައްދަލުވުމެއްގެ ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވިހި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މިމަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެހާސް ތިރީސްވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެއްވުމަށް ރާއްޖެއިން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ. މިއަދުގެ މަސައްކަތު ބައްދަލުވުމުގައި މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި، ސާފު ފެނާއި ނަރުދަމާ، އަގުހެޔޮ ސާފު ހަކަތަ، ހަކަތަ އުފައްދާ ބޭނުންކުރުމުގައި ޒިންމާދާރުކަން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުން، ފެނުއަޑީގެ ދިރުމާ، އަދި އެއްގަމުގެ ދިރުމާބެހޭ ކަންތައްތައް ހިމެނެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެއްކުރުންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އެއްދުވަހުގެ މި މަސައްކަތު ބައްދަލުވުމެއްގެ ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެނަވަޔަރަމެންޓް މިނިސްޓަރ ޠޯރިޤް އިބްރާހިމް ވަނީ ސާސްކަފްގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޤައުމުކަން ފާހަގަކުރައްވައި، ދެހާސް ތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވެފައެވެ. ޠާރިޤް ވިދާޅުވީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީ ހާޞިލްކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްކަމަށެވެ.ވިހިތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި 17 ލަނޑުދަނޑިއަކާއި 169 އަމާޒެއް ހިމެނެއެވެ. މި ސަތާރަ ލަނޑުދަނޑީގެ ތެރޭން ހަ ލަނޑުދަނޑިއަކީ ސީދާގޮތުން އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިފައިވާ ލަނޑުދަނޑިތަކެއްކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ. މި ހަފްލާގައި ވަހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ މަޖީދު ވަނީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ޚާއްޞަ ކުރެވިގެން ބައިނަލްއަޤްވާމީ ގޮތުން ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.2030ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑު ދަނޑިތަކަކީ ސާސްކަފްގެ ލަނޑުދަޑިތަކުގެ މުއްދަތު ދެހާސްފަނަވަނަ އަހަރު ހަމަވެފައިވާތީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު އދގެ ޢާއްމު މަޖިލީހުން ފާސްކޮށްފައިވާ އާ ލަނޑުދަނޑިތަކެކެވެ. ސާސްކަފްގެ ލަނޑުދަނޑުތައް ހާޞިލްކުރުމުގައި ޤައުމުތަކުން ކުރިއެރުންތަކެއް ހޯދާފައިވީނަމަވެސް އަދިވެސް ދުނިޔެއިން ފަޤީރުކަން ނައްތާލެވިފައިނުވާތީ، ދެހާސް ތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް އަމާޒުކޮށްފައިވަނީ ދުނިޔެއިން ފަޤީރުކަން ނައްތާލުމާއި، އިންސާފާއި ހަމަހަމަކަން ޤާއިމުކުރުމާއި، މޫސުމީ ބަދަލުތަކަށް ފިޔަވަޅުއެޅުމަށެވެ.