ޚަބަރު

ނަޝީދުގެ ބޭސްފަރުވާ ދިޔަ ހިސާބެއް ބަލަން ކަރެކްޝަންގެ ސިޓީއެއް !


ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭސްފަރުވާގެ ކަންކަން ގޮސްފައިވާ ހިސާބު ސާފުކޮށްދެއްވުމަށް ކަރެކްޝަނަލް ސާރވިސުން އެމަނުފާނުގެ ބައްޕާފުޅަށް އަންގަވައިފިއެވެ. ކަރެކްޝަނަލް ސާރވިސުން ވިދާޅުވީ ނަޝީދްގެ ބޭސްފަރުވާގެ ކަންކަން ގޮސްފައިވާ ހިސާބު ސާފުކޮށްދެއްވުމަށް މިމަހުގެ އަށްވަނަދުވަހު އެމަނިކުފާނުގެ ބައްޕާފުޅަށް އެޑްރެސްކުރައްވާ އެ އިދާރާއިން ސިޓީއެއް ފޮނުއްވާފައި ވާނޭކަމަށެވެ. އަދި އެ މަޢުލޫމާތު އަންނަ އާދިއްތަދުވަހުގެ ކުރިން އަންގަވައިދެއްވުމަށްވެސް އެސިޓީގައި އެދިވަޑައިގެންފައިވެއެވެ. ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ގައިދީންގެ ބޭސްފަރުވާގެ ކަންކަންދާގޮތުގެ މަޢުލޫމާތު އެއްކުރެއްވުމަކީ އެ އިދާރާއިން ޢާއްމުކޮށް އަމަލުކުރައްވަމުން އަންނަ އުޞޫލެއްކަމަށެވެ. އަދި ނަޝީދްގެ ބޭސްފަރުވާގެ ކަންކަން ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށް  އެމަނިކުފާނުގެ ބައްޕާފުޅަށް އެޑްރެސްކުރައްވައި ސިޓީ ފޮނުއްވީ އެ މަޢުލޫމާތުތައް އެ އިދާރާއާ ޙިއްޞާކުރެއްވުމަށް ޙަވާލުވެޑައިގެންނެވި ނަޝީދްގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު މިވަގުތު ރާއްޖޭގައި ނޫޅުއްވާތީކަމަށެވެ. ކުރީގެ ރައީސް ނަޝީދު މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސިވިލާތަށް ފުރާވަޑާއިގަތީ މިދިޔަ މަހުގެ އަށާރަވަނަ ދުވަހުގެ ރެއެވެ. ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު އެ ޤައުމުގެ ބޮޑުވަޒީރާ ބައްދަލްކުރައްވައި، ބައެއް ޓީވީ ޝްޓޭޝަންތަކަށް އިންޓަރިވިއު ދެއްވައި ނޫސްވެރިންނާ ނަޝީދު ބައްދަލްކުރައްވައި ހައްދަވާފައިވެއެވެ. ބޭސްފަރުވާ ކުރެއްވުމަށް ތިރީސްދުވަހުގެ މުއްދަތެއް ސަރުކާރުން ދެއްވާފައިވާއިރު ނަޝީދުގެ ބޭސްފަރުވާގެ ކަންކަންދާ ގޮތުން މުއްދަތު އިތުރުކުރަން އެދިވަޑައިގެންފިނަމަ އެކަން ކޮށްދެއްވާނެކަން ސަރުކާރުން ހާމަކުރައްވާފައިވެއެވެ.