ދުނިޔޭގެ ވިޔަފާރި

ޓައިވާނުގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލައިފި


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލައި ޓައިވާނުގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ދެ އަހަރާއި ބަޔަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ބޭއްވުމަށްފަހު، ބޯޑަރުތައް ހުޅުވާލައި ކަރަންޓީން ނުވަތަ ޕީސީއާރު ޓެސްޓެއް ހަދަން ނުޖެހޭ ގޮތަށް ޓައިވާނުން ހަމަޖައްސާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ފަތުރުވެރިން ވަނީ އެގައުމަށް ޒިޔާރަތް ކުރަން ފަށާފައެވެ.

ފިޔަވަޅުތައް އުވާލައި ބޯޑަރުތައް ހުޅުވާލުމުން ޓައިވާނަށް އެންމެ ފުރަތަމަ ދަތުރުކޮށްފައި ވަނީ ބެންކޮކުގެ ފްލައިޓެކެވެ. ޓައިވާނުގެ ބައިނަލްއަގުވާމީ އެއާޕޯޓުން އެ ފްލައިޓުން ޓައިވާނަށް ދަތުރުކުރި ފަތުރުވެރިންނަށް އެ ގައުމުގެ ބައިނަލްއަގުވާމީ އެއާޕޯޓުން ޓައިވާނުގެ އޮފިޝަލުން ވަނީ މަރުހަބާ ކިޔާފައެވެ.

ބޯޑަރުތައް ހުޅުވާލުމަކީ ފަތުރުވެރިކަން އަލުން ދިރުވުން ކަމުގައި ޓައިވާނުގެ ޓޫރިޒަމް ބިއުރޯގެ ޑިރެކްޓަރު ޖެނެރަލް ޗަންގް ޝީ ޗުންގް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.
ކޯވިޑުގެ ބަލިމަޑުކަމާއި އެކީގައި އުޅެން މުލި ދުނިޔެ އަމާޒު ހިފާފައިވާއިރުވެސް "ޒީރޯ ކޯވިޑް" ސިޔާސަތުގައި ހިފަހައްޓައިގެން އަދިވެސް އުޅުނު ޗައިނާ ފިޔަވައި ކޯވިޑުގެ ހަރުކަށި ފިޔަވަޅުތައް އުވާލި ދެން އެންމެ ބޮޑު އިގްތިސާދު އޮންނަ ގައުމަކީ ޓައިވާނެވެ. ޖަޕާނާއި ހޮންކްކޮންގވެސް ދާދި ފަހުން ވަނީ ބަލިމަޑުކަމާއި ގުޅިގެން ބޯޑަރުތަކުގައި އަޅާފައިވާ ހުރަސްތައް އުވާލާފައެވެ.

އަމިއްލަ ވެރިކަމެއް އޮންނަ ޓައިވާނަށް ޒިޔާރަތްކުރާ މީހުން އެކަހެރިކޮށް ތިން ދުވަސް ހޭދަކުރަން ޖެހުނީ ކަމާބެހޭ ފަރާތްތަކުން ކަރަންޓީން މުއްދަތު 7 ދުވަހަށް މަދުކުރުމުންނެވެ. ބޯޑަރު ހުޅުވާލި ނަމަވެސް އާ އިންތިޒާމްތަކުގެ ދަށުން އަދިވެސް ޓައިވާނަށް ޒިޔާރަތްކުރާ ފަރާތްތަކުން 7 ދުވަސް ވަންދެން ސިއްހީ ހާލަތު ރަނގަޅަށް ބަލައި ރެޕިޑް އެންޓިޖަން ޓެސްޓްތައް ހަދަން ޖެހެއެވެ.

އޮމިކްރޯން ވޭރިއަންޓާއި އޭގެ ސަބް ވޭރިއަންޓްތައް ޖެނުއަރީމަހު ޓައިވާނުގައި ފެތުރެން ފެށުމާއި ހަމައަށް އެގައުމުގައި ރެކޯޑު ކުރެވިފައި ވަނީ ވަރަށް މަދު ކޯވިޑު ކޭސްއެކެވެ. އޭގެ ފަހުން %6.5 އަށްވުރެ ގިނަ މީހުން ބަލިޖެހިފައިވާ ކަމަށް ރިޕޯޓްކުރި ނަމަވެސް، %99.5 އަށްވުރެ ގިނަ ކޭސްތަކަކީ މާ ބޮޑުވަރު ނުވާ ނުވަތަ އަލާމާތެއް ނުފެންނަ ކޭސްތައް ކަމަށް ޓައިވާނުގެ ސިއްހީ އިދާރާތަކުން ވަނީ ބުނެފައެވެ.