ޚަބަރު

ނަފްސާނީ ޞިއްޙަތުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލަނީ


ނަފްސާނީ ޞިއްޙަތުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލެއްވުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ނިންމަވާލެއްވީ މިއަދު ހެލްތް މިނިސްޓްރީން އިންތިޒާމް ކުރައްވައިގެން މި ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ހޮޓެލް ޖެންގައި ބޭއްވި ދެވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ މިހާރު އެކުލަވާލައްވާފައިވާ ނަފްސާނީ ޞިއްޙަތުގެ ސިޔާސަތު ތަންފީޒްކުރެއްވުމަށް ބޭނުންވާ ޕްލޭން އެކުލަވާލެއްވުމަށެވެ. ނަފްސާނީ ޞިއްޙަތުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލެއްވުމަށް ހޮޓެލް ޖެންގައި ބޭއްވެވި އެއްދުވަހުގެ މި ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ ނަފްސާނީ ބަލިމަޑުކަމުގައި ދިރިއުޅޭ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ރާއްޖޭގައި މިހާރު ލިބެން ހުންނަ ފަރުވާއަކީ ކޮބައިތޯ ބައްލަވައި، އެފަދަ ބަލިތަކަށް ދެވޭނެ ފަރުވާތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުންނާއި، ދިރިއުޅޭ މާޙައުލުގެ ޙާލަތުގެ ސަބަބުން ނަފްސާނީ ބަލިތަކަށް ހުށައެޅޭ ކަމަށާއި، މިފަދަ ކަންކަމަށް ފަރުވާކުޑަކޮށް، ދޫކޮށްލައިގެން ނުވާނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. ނަފްސާނީ ޞިއްޙަތުގެ ސްޓްރެޓީޖިކް ޕްލޭން ފައިނަލް ކުރެވިގެންދާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާދެވޭ ފަދަ ގޮތަކަށް ކަންކަން ނިންމައިދެއްވުމަށްވެސް ހެލްތް މިނިސްޓަރ މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދި ވަޑައިގެންނެވިއެވެ.ނަފްސާނީ ޞިއްޙަތުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައްވަނީ މިދިޔަ އަހަރު އެކުލަވާލެއްވި ނަފްސާނީ ޞިއްޙަތުގެ ސިޔާސަތުގެ ދަށުންނެވެ. މަޝްވަރާތައް ނިމިފައިވާ މި ޕްލޭންނިމި ފައިނަލް ވެގެންދާއިރު، ނަފްސާނީ ޞިއްޙަތުގެ ސިޔާސަތު ތަންފީޒްކުރައްވާނެ އުޞޫލުތައް ކަނޑައެޅިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައެވެ. މި ބައްދަލުވުމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން މަޝްވަރާ ކުރެއްވި ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މުއައްސަސާތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޞިއްޙީ ދާއިރާގައި މިކަމަށް ޚާއްޞަ އިދާރާތައް ހިމެނެއެވެ.