ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސްއިން ރާޢްޖެއަށް ދީފައިވާ "ބީ މައިނަސް" ރޭޓިން ދަމަހައްޓައިފިއެވެ.
ފިޗް ރޭޓިންސްއިން ރާޢްޖެއަށް ދީފައިވާ "ބީ މައިނަސް" ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށް ފަހުއެވެ.
ކްރެޑިޓް ރޭޓިންގ ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން ، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސް (ޖޫސް) އާއި ފިޗް ރޭޓިންގސް (ފިޗް) އަށެވެ.
މި ދެ ކުންފުނިން ދަނީ ކޮންމެ އަހަރަކު ރާއްޖެއާއި ގުޅޭ ގޮތުން އާންމުކޮށް ލިބެން ހުންނަ ތަފާސް ހިސާބާއި މަޢުލޫމާތުގެ އިތުރަށް ރާއްޖެއަށް ޒިޔާރާތްކޮށް، ކަމާބެހޭ އޮފީސްތަކާއި ރާއްޖެއާ ގުޅުންހުރި ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ހޯދަމުންނެވެ.
އަހަރަކު އެއް ފަހަރު ރޭޓިން މުރާޖައާކުރާއިރު، ފިޗުން މިއަދު ވަނީ ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިން އާންމުކޮށްފައެވެ.
ފިޗުން ނެރުނު ރޭޓިންގައި ވަނީ މިދިޔަ އަހަރު ރާއްޖެއަށް ދިން 'ބީ މައިނަސް' ރޭޓިން ދަމަހައްޓާފައެވެ. މީގެމައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރައި، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބުމެވެ. ފިޗުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދު މިއަހަރު 9.5 އިންސައްތަ އަދި އަންނަ އަހަރު 7.5 އިންސައްތަ ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އިގްްތިޞާދީ ކުރިއެރުންތަކުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދަށް އޮތް ގޮންޖެހުންތައްވެސް ފިޗުގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި، ދައްކަންޖެހޭ ދަރަނީގެ މިންވަރު އިތުރުކަން ފިޗުން ފާހަގަކުރެއެވެ.
ދުނިޔޭގެ އިޤްތީޞާދަށް އަންނަ ލޮޅުންތަކާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް އެކަމުގެ އަސަރުކުރާނެކަމަށް މާލީ އިދާރާތަކުން ބުނާއިރު، މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އިޤްތިޞާދު އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމަކީ ދިވެހިރާއްޖެކަމަށްވެސް މާލީ އިދާރާތަކުން ބުނެއެވެ. އެގޮތުން އަންދާޒާއަށްވުރެ ވަރަށް ވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިއާދަވަމުން އައުމާއެކު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ހުންނާނެކަމަށް ލަފާކުރާ މިންވަރު ވޯލްޑް ބޭންކުންވެސް ވަނީ މަތިކޮށްފިއެވެ.
ވޯލްޑް ބެންކުން ބުނާގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ 12.4 އިންސައްތައިގައެވެ. މިއީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް އަންދާޒާކުރި މިންވަރަށް ވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ.