ޚަބަރު

ސަބްސިޑީއަށް ބަދަލު ގެންނާނީ ނިޒާމު ރަނގަޅަށް ހިނގާކަން ޔަގީންވުމުން: އަމީރު


ސަރުކާރުން ދޭ ތެލުގެ ސަބްސިޑީއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ މަސައްކަތް ނިމިފައިވާކަމަށާއި، ދެން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އެކަމުގައި ގޮތެއް ނިންމެވުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ މިއަހަރުގެ މިނިވަންދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ސަބްސިޑީއަށް ގެންނަ ބަދަލަކުން ވަރަށް ގިނަ ރައްޔިތުންނަށް އެކަމުގެ އަސަރުކުރާނެކަމަށެވެ. އެހެންކަމުން ކޮންމެހެން ސަބްސިޑީ ދޭންޖެހޭ މީހުންނަށް ސަބްސިޑީ ދޭން ފަށާނީ، މުޅި ނިޒާމަށް ރަނގަޅަށް ބަދަލުތަކެއް ގެނެވޭނެކަމުގެ ޔަޤީންކަން ލިބުމުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ޓާގެޓް ސަބްސިޑީ ނުވަތަ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ސަބްސިޑީ ދޭން ކަނޑައަޅާ ސިޔާސަތު ކެބިނެޓްގައި މަޝްވަރާކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ ސިޔާސަތާއި ގުޅޭގޮތުން މަޝްވަރާކޮށް ނިމިފައިވާކަމަށާއި ދެން އޮތީ އެކަމުގައި ގޮތެއް ނިންމުންކަމަށެވެ.

"ސަބްސިޑީއަކީ އޭގެ ވަރަށް ބޮޑު އަސަރެއް ވަރަށް ގިނަ ބަޔަކަށް ކުރާނެކަމެއް ގެނެވޭ ބަދަލެއްގެ ސަބަބުން. ވީހާވެސް ބޮޑަކަށް ޓާގެޓެޑް ސަބްސިޑީ ދޭއިރުވެސް މުޅި މެކޭނިޒަމްހެން އެއްކޮށް ރަނގަޅަށް ޤާއިމްކުރެވި އެ މަސައްކަތް ރަނގަޅަށް އަޅުގަނޑުމެންނަށް ޔަޤީންކަން ލިބުނީމަ އެއްކޮށް ރޯލް އައުޓްކުރެވޭގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. މިހާރު ކެބިނެޓްގައިވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ވާހަކަތަކެއް ދެކެވިފަ މިއޮތީ. ދެން އަޅުގަނޑު ހިތުން ދެން ފައިނަލް އެޕްރޫވަލް ލިބުން ދެން އޮތީ. ފައިނަލް އެޕްރޫވަލްއާއެކު އަޅުގަނޑުމެން އަނެއްކާވެސް ތަފްސީލްތައް އެއްކޮށް މަސައްކަތްކުރާ އިންސްޓިޓިއުޓްތަކާއެކު ހިއްސާކުރާނަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ދައުލަތުން ދެމުން އަންނަ ސަބްސިޑީގެ ސިޔާސަތަށް ބަދަލު ގެންނަވާނެކަން މިއަހަރުގެ ޖުލައި މަހު އިއުލާންކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު، އިންތިހާއަށް އުފުލިއްޖެކަމަށާއި ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރާކަމަށެވެ. އަދި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވިވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމަށާއި އެއީ އޭގެ ހަޤީޤީ ބުރަ ސަރުކާރުން އުފުލަމުންދާތީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތެލުގެ ސަބްސިޑީއަށް، ބަޖެޓްގައި އަންދާޒާކުރި އަދަދު އެތައް ގުނައަކުން މަތިވެއްޖެކަމަށެވެ. އެގޮތުން ތެލުގެ ސަބްސިޑީގެ ގޮތުގައި 341 މިލިއަން ބަޖެޓްކޮށްފައިވާއިރު، މިހާރު އެ އަދަދު 900 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ނިޔަލަށް މިޙާލަތުގައި ދާނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ސަބްސިޑީ ދޭ އުސޫލަށް ބަދަލުގެނައުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ލަފާދީފައެވެ. ރާއްޖޭގައި ދައުލަތުން ސަބްސިޑީ ދޭއިރު ސަބްސިޑީ ބޭނުން ނުވާ ފަރާތްތަކަށް ދޭކަންވެސް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކުރެއެވެ.