ޚަބަރު

ކޮންމެދުވަހަކު ދަތުރަކާއެކު ފްލައިދުބާއީން ސީދާ އައްޑުއަށް


ފްލައިދުބާއީން އައްޑުއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޔޫއޭއީގެ ބަޖެޓް އެއަރލައިން ފްލައިދުބާއީން ބުނީ އަންނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހު އެ އެއަރލައިނުން އައްޑުއަށް ސީދާ ދަތުރުތައް ފަށާނެކަމަށެވެ. އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމީ ރާއްޖެއިން ބޭރުން މާލެ އައުމަށް ފަހު އައްޑުއަށް ކުރަން ޖެހޭ ދަތުރު ދިގުވުމުގެ ސަބަބުން އެކަން ހައްލުކުރުމުގެ ގޮތުންނެވެ.

ފްލައި ދުބާއީއިން އައްޑުއަށް ދަތުރުތައް ފަށުމާއިއެކު، ދުވާލަކު އެއްފަހަރު ދުބާއީން ރާއްޖެއަށް ދަތުރުކުރާނެއެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން، ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ދުބާއީއަކީ ދަތުރުފަތުރުގެ ހަބަކަށްވުމުން މިއާއެކު ދުނިޔޭގެ 185 ޤައުމުތަކާއި އައްޑުއާ ގުޅާލަދެއެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކާ ޚިލާފަށް އައްޑޫގައި ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ނުކުރެވެނީ، ބޭރުން މާލެ އައުމަށް ފަހު އައްޑުއަށް ކުރަން ޖެހޭ ދަތުރު ދިގުވުމުގެ ސަބަބުންނެވެ. އެހެންކަމުން އެ އެއަރލައިންއިން ބުނީ އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމީ އެކަން ހައްލުކުރުމުގެ ގޮތުންނެވެ. މިއާއިއެކު ރާއްޖޭގެ އެންމެ ދެކުނަށް ކޮންމެ ދުވަހަކު ދަތުރުތައް ފެށުމުން، ރާއްޖޭގެ ރީތިކަން ދެކިލުމަށް އިތުރު މަންޒިލްތައް އިޚްތިޔާރު ކުރުމުގެ އިތުރު ފުރުސަތުތައް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށް އެ އެއަރލައިނުން ދެކެއެވެ.

ކޯވިޑް-19ގެ ސަބަބުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ވަނީ ގިނަ ދުވަސްތަކަކަށް ހުއްޓިފައި އޮތުމަށްފަހު ޖުލައިމަހުން ފެށިގެން ފްލައިދުބާއީއިން އެ އެއަރލައިނުން ދަނީ ކުރިން ދަތުރު ކުރަމުންދިޔަ މަންޒިލްތަކަށް ދަތުރުތައް ކުރްމުންނެވެ. އަދި އެ އެއަރލައިނުން ދަނީ ކާގޯ ފްލައިޓްތައްވެސް އޮޕަރޭޓްކުރަމުންނެވެ.