ކުޅިވަރު

ރޭންޖާސް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭ ގައި ލިވަޕޫލާއި ރޭންޖަރސް ބައްދަލުކުރި މެޗް ލިވަޕޫލް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.

ރޭންޖަރސްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ލީޑު ނަގާފައިވަނީ ރޭންޖަރސް އެވެ. މި ލަނޑު އެޓީމަށް މެޗްގެ 17 ވަނަ މިނެޓްގައި ޖަހާދިނީ ސްކޮޓް އާފީލްޑްއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ހަތް މިނެޓްފަހުން ރޮބާޓޯ ފިރްމީނޯ ޖަހާދިން ލަނޑާއެކު ލިވަޕޫލުން މެޗްގެ ނަތީޖާ ހަމަހަމަކުރި އެވެ. އަދި މި މެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހާދިނީވެސް ފިރްމީނޯއެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހާދިނީ ޑަރވިން ނޫނޭޒްއެވެ. މިމެޗްގައި ދެން ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި މުހަންމަދު ސަލާހް ހަ މިނެޓްގެ ތެރޭގައި ހެޓްރިކް ހެދި ތަނެވެ. މިގޮތުން އޭނާ ޖެހި ތިން ލަނޑު އޭނާ ކާމިޔަބުކޮށްފައިވަނީ 75 ވަނަ މިނެޓާއި 80 ވަނަ މިނެޓާއި އަދި 81 ވަނަ މިނެޓްގައެވެ. މިމެޗްގައި ލިވަޕޫލްގެ ފަހު ލަނޑު މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ހާވީ އެލިއޮޓްއެވެ.

މި ކާމިޔާބީއާއެކު ލިވަޕޫލުން މިވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗް ކާމިޔާބުކޮށްގެން ލިބިފައިވާ 9 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި ދެވަނަ ބުރަން ދިއުމަށް ލިވަޕޫލަށް ޖެހެނީ އަޔެކްސް އާއި ބައްދަލުކުރާ މެޗުން އެއް ޕޮއިންޓް ހޯދާށެވެ. އަދި ރޭންޖާސް މިވަގުތު އުޅެނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.