ޚަބަރު

ނިއުކްލިޔަރ ޕްލާންޓުގެ މައްސަލައިގައި މަޝްވަރާ ކުރެވިދާނެ: ޕުޓިން


ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓުގެ މައްސަލައިގައި މަޝްވަރާ ކުރަން ތައްޔާރު ކަމުގައި އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ. މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައި.އޭ.އީ.އޭ)ގެ އިސްވެރިޔާ ރަފަޔަލް ގްރޮސީއާ ބައްދަލު ކުރައްވާފައެވެ.

ޒަޕޮރީޜިޔާ ޕްލާންޓަކީ ވިލާތުގައި ހުންނަ އެންމެ ބޮޑު ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓެވެ. ރަޝިޔާ ސިފައިން އެ ރަށް ހިފާފައި ވަނީ ފެބުރުވަރީ 24ގައި ފެށި ހަނގުރާމައިގެ ކުރީކޮޅުގައެވެ. ނިއުކްލިޔަރ ޕްލާންޓު މިހާރު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. ނަމަވެސް، އެ ތަން ހިންގުމުގެ މަސައްކަތް ކުރަނީ ޔޫކްރެއިނުގެ މުވައްޒަފުންނެވެ. އެ ތަން ކޮންޓްރޯލް ކުރުމަށް ރަޝިޔާއާއި ޔޫކްރެއިނުގެ ސިފައިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ހަނގުރާމައިގައި އެ ތަނަށް އަމާޒުކޮށް އެތައް ފަހަރެއްގެ މަތިން ވަނީ ނުރައްކާތެރި ހަމަލާތައް ދީފައެވެ. ހަމަލާތަކުގެ ފަހަތުގައި ވަނީ އަނެއް ޤައުމުކަމުގައި ދެ ޤައުމުން ދަނީ ތުހުމަތު ކުރަމުންނެވެ.

ހަމަލާތަކުގައި ޕްލާންޓުގެ ބައެއް ތަންތަނަށް ގެއްލުން ލިބިފައިވެއެވެ. އަދި، އެ ތަނުން ނިއުކްލިޔަރ ރޭޑިޔޭޝަން ބޭރުވެ، ނުރައްކާތެރި ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އައި.އޭ.އީ.އޭ.އިން މަސައްކަތް ކުރަމުން ދަނީ އެ ސަރަޙައްދު ހިމާޔަތްކޮށް، އެ ސަރަޙައްދުގައި ހަތިޔާރު ގެންގުޅުން މަނާ ކުރާށެވެ.

ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގްގައި ގްރޮސީއާ ބައްދަލު ކުރެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ ޒަޕޮރީޜިޔާ ޕްލާންޓުގެ މައްސަލައަކީ ރަޝިޔާއިން ވެސް ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ. "މި މައްސަލައާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހައްލު ކުރަން ވާހަކަ ދައްކަން ރަޝިޔާއިން ވެސް އޮތީ ތައްޔާރަށް،" ޕުޓިން ވިދާޅުވިއެވެ.

"ޒަޕޮރީޜިޔާ ޕްލާންޓުގެ ހާލަތާ މެދު އަޅުގަނޑުމެން ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި. އެއީ އެ ތަނުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ އެ ތަނުގައި ނިއުކްލިޔަރ ކާރިސާއެއް ހިނގުން ހުއްޓުވަން. އެ ފަދަ ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ މުޅި ސަރަޙައްދަށް އެ ކަމުގެ އަސަރު ކުރާނެ،" ގްރޮސީ ވިދާޅުވިއެވެ.

ޒަޕޮރީޜިޔާ ޕްލާންޓު ހިންގަނީ ޔޫކްރެއިނުގެ ހަކަތަ އުފައްދާ މައި ކުންފުނި ކަމުގައިވާ އެގަރޖޯއެޓަމްއިންނެވެ. އެ ކުންފުނިން ބުނީ، އެ ތަނުގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިން އެ ތަނުގެ މުވައްޒަފުންނަށް ފުރައްސާރަ ކުރަމުންދާ ކަމުގައެވެ. އަދި، އެ ތަނުގެ ބައެއް މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމުގައި ވެސް އެ ކުންފުނިން ތުހުމަތު ކުރެއެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އެ ޕްލާންޓުގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލްއެއް ހިމެނޭ ކަމަށް ބުނެ، އޭނާ މިނިވަން ކުރުމުގައި އައި.އޭ.އީ.އޭ.ގެ އެހީތެރިކަމަށް އެ ކުންފުނިން ވަނީ ގޮވައިލާފައެވެ. ޕްލާންޓުގެ ހާލަތު ބެލުމަށް ދާދި ފަހުން އައި.އޭ.އީ.އޭ.ގެ އިސްވެރިންގެ ވަފުދެއް ވަނީ އެ ތަނަށް ޒިޔާރަތް ކޮށްފައެވެ. މި ވަފުދާ އެކު ގްރޮސީ ވެސް ވަނީ އެ ތަނަށް ޒިޔާރަތް ކުރައްވާފައެވެ.