އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކް އިއާދަކުރުމުގެ މަސައްކަތުގައި ފެއިލްވެފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓަރ މިހެން ވިދާޅުވީ ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ 17 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
17 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން ކުރާ އުކުޅުތަކަކީ އެހެން ޤައުމުތަކާއި ވަަރަށް ތަފާތު އުކުޅުތަކެއްކަމަށެވެ. އަދި ރާއްޖެގައި މަސްވެރިކަން މުހިންމުވާ ސަބަބުތަކުގެ މައްޗަށް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ގާތްގަނޑަކަށް 650 ލައިސެންސް އޮތް މަސްވެރި އުޅަނދު ރަޢްޖޭގައި އޮންނައިރު، މިއީ 17000 އަށް ވުރެ ގިނަ މީހުންނަށް މީގެ ސަބަބުން ވަޒީފާ މަގުފަހިވެގެންދާކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެއީ މަސައްކަތު އާބާދީގެ %20 ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އަހަރަކު 140000 ޓަނުގެމަސް ބަނާއިރު، ރާއްޖޭގެ އެކްސްޕޯޓްގެ 98 އިންސައްތައަކީ މަސްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުން އަދި ރޭގަނޑުގެ ކެއުމަށް ކަނޑުމަސް ކައިއުޅެނީ. ދުނިޔޭގެ އެއްވެސް ބަޔަކު ކަންޑުމަސް ނުކާވަރަށް އަޅުގަނޑުމެން ކަނޑުމަސް ކަން. ގާތްގަނޑަކަށް 163ގެ ކަނޑުމަސް އަހަރު މީހަކަށް ކެވޭ.މީގެ އިތުރުން ކަނޑުމަސް އެކްސްޕޯޓް ކުރެވޭ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަަކީ އެހެން ޤައުމުތަކާއި ޙިލާފަށް، ދެމެހެއްޓެނިވި މަސްވެރިކަން ކުރުމުގައި ކުރިއަރާފައިވާ ޤައުމެއްކަމަށެވެ. އަދި ޤުދުރަތީ ރީތިކަން ދެމެހެއްޓޭ އުސޫލެއްގެ ގޮތުން ރާއްޖޭގައި އެންމެ ގިނައިން ކުރެވޭ ދޮށީގެ މަސްވެރިކަމުގެ ތަފާތުކަމާއި ޚާއްޞަކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުވާލިއެވެ.
"ރާއްޖެ ބިނާކުރެވުނީ އަޅުގަނޑުމެންގެ ދޮށީގެ މަސްވެރިކަމުގެ މައިބަދައިގެ މައްޗަށް. މަސްވެރިކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ނުހަނު ގުޅި ލާމެހިފައި އޮތް ކަމެއް. ކަނޑުމަހާއި މިއަށްވުރެ ވަރުގަދަ ގުޅުމެއް އެހެން ޤައުމުތަކުން އޮވެދާނެކަމަށް ޤަބޫލެއް ނުކުރަން. އެއީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ލޭގައި ހުންނަ އެއްޗެއް. ކަނޑުމަހަކީ އަޅުގަނޑުމެންގެ ފުޑް ސެކިއުރިޓީ، އަޅުގަނޑުމެންގެ ވަޒީފާ، އަޅުގަނޑުމެންގެ މައިގަނޑު ފިޒިކަލް އެތައް ސަތޭކަ އަހަރެއް ވަންދެން ބޭރު ފައިސާގެ މައިގަނޑު ވަސީލަތް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ މުހިންމުކަން ރާއްޖެއަށް ކިތަންމެ ބޮޑުކަމުގައިވީނަމަވެސް، މަސްވެރިންނަށް ލިބެނީ ވަރަށް ކުޑަ އާމްދަނީއެއްކަމަށެވެ. އަދި މަހުގެ ސޮޓޮކް ރިކަވަރީގެ މައްސަލަތަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ މަސްވެރި ޖަމްޢިއްޔާތަކުން މަސްވެރިކަމުގެ މުސްތަޤްބަލު އާރާސްތުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ފުރިހަމަ މެންބަރެއްގެ ގޮތުގައި އޮންނަ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއިން މަހުގެ އިއާދަކުރުމުގައި ޙަރުދަނާ އުސޫލުތައް ޤާއިމްކޮށްފައި ނެތުމަކީ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި ގިނަ ޤައުމުތަކުން ސްޓޮކް އިއާދަކުރުމުގައި ފަސޭހައިން އިހުމާލުވެ، ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމަށް އެއްވެސް އަހައްމިއްޔަތު ކަމެއް ނުދޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ދެމެހެއްޓެނިވި ގޮތުގައި ކުރުމަށް ޙައްސަ އަޙައްމިޔަތުކަމެއް ދިނުމާއި، ސޮޓޮކް އިއާދަކުރުމުގައި ޙަރުދަނާ އުސުޅޫތައް ޤާއިމްކުރުމަށް މަދަނީ މުޖްތަމަޢާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެމް.އެސް.ސީ އަދި އެހެނިހެން އިކޯ ލޭބަލްތައް ޢަމަލީގޮތުން ޙަރަކާތްތެރިވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
ންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްއަކީ ދުނިޔޭގެ މަޝްހޫރު ސްޕީކަރުން ހުށަހަޅައިދޭ ދުނިޔޭގެ ޓޫނާ އިންޑަސްޓްރީއާ ގުޅުން ހުރި މުހިންމު މައުޟޫއުތަކަށް ވާހަކަދެކެވޭ ކޮންފަރެންސްއެކެވެ.