އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ދުނިޔެއިން ބަލައިގެންފައިވާކަމުގެ ހެއްކެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން ވާދަކުރި ގޮނޑި ކާމިޔާބުވީ އދގެ އެކަމަށްޓަކައި ބޭއްވި ސިއްރު ވޯޓުގައެވެ. 189 ޤައުމަކުން މިއިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ފޮރިން މިނިސްޓަރ އަބދުﷲ ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާއިރު އޭގެ އެންމެ އިސް ކަމަކަށް އޮތީ އިންސާނީ ހައްގުތައް ހިމާޔަތްކުރުން ކަމަށެވެ. އެގޮތުގެ މަތިން ސަރުކާރުން މިހާރު ގެންގުޅެމުން އަންނަ ހަރުދަނާ ސިޔާސަތުތައް މުޅި ދުނިޔޭގެ މަޖިލީހުން ގަބޫލުކޮށް ބަލައިގެންފައިވާކަން މިހާރު އެނގިގެންދާ ކަމުގައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ ބައިނަލްއަގުވާމީ ދާއިރާގައި އަރިމަތީގައި ތިބި ދުވަސް މާޒީވެ ހިނގައްޖެ ކަމަށެވެ. އަދި މިއަދު ރާއްޖެއާއި މި ސަރުކާރަކީ މުޅި ދުނިޔޭގެ އިތުބާރު ލިބިފައިވާ ކާމިޔާބު ސަރުކާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބައިނަލްއަގުވާމީ މަސްރަހުގައި ބަސް ބުނެ، ބަސް ގަބޫލުކުރާ ގަދަރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ އަނެއްކާ ވެސް ސާބިތުވެގެން މިދިޔައީ. އދ ގެ މަޖިލީހުގައި ވިހުރޭ ދިވެހިރާއްޖޭގެ ދިދަ އަކީ ގަދަރުވެރި ދިދައެއްގެ ގޮތުގައި ސާބިތުވެގެން މިދިޔައީ. މި ކާމިޔާބީގެ އަލީގައި އަޅުގަނޑުމެން ސާބިތުކޮށްދޭނީ ރާއްޖެ އަކީ ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނުތަކަށް ބޯލަނބާ އެގޮތަށް އެހެން ގައުމުތަކަށް ބާރު އަޅާ ގައުމެއްކަން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
Today, #Maldives has been elected to the @UN_HRC for the term 2023-2025
— Abdulla Shahid (@abdulla_shahid) October 11, 2022
The international community has once again demonstrated its trust in President @ibusolih’s robust foreign policy, and confidence in our national efforts to promote and protect human rights pic.twitter.com/iD0fXLQYoV
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތިމާވެށީގެ ނުރަނގަޅު އަސަރުތަކުން ދުނިޔޭގެ ކުދި ގައުމުތަކަށް ކުރަމުންދާ އަސަރުތަކުން ސަލާމަތްވުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރުމަށްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަކީ ލިބިގެންވާ އެންމެ ބޮޑު އެއް އިންސާނީ ހައްގު ކަމަށާއި، ރާއްޖޭގެ މި ދައުރުގައި އެކަމަށް ވަކާލާތުކުރައްވާނެ ކަމަށެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިތައް ސަރަހައްދީގޮތުން ބަހާފައިވާއިރު، ރާއްޖެއިން ވާދަކުރީ އޭޝިއާ ޕެސިފިކް ގްރޫޕަށް ކަނޑައަޅާފައިވާ 13 ގޮނޑީގެ ތެރެއިން އަންނަ އަހަރަށް ހުސްވާ ހަތަރު ގޮނޑިން އެއް ގޮނޑިއަށެވެ. އެ ހަތަރު ގޮނޑިއަށް ރާއްޖޭގެ އިތުރުން ކިރިގިސްތާން ރިޕަބްލިކް، އަފްޣާނިސްތާން، ބަންގްލަދޭޝް، ބަހްރެއިން، ވިއެޓްނާމް އަދި ދެކުނު ކޮރެއާ ވާދަކުރިއެވެ. ދެކުނު ކޮރެއާއަކީ މިހާރު ވެސް އެ ކައުންސިލްގައި އިންނަ ގައުމެކެވެ. އަދި ބަހުރެއިނުން ވަނީ ރާއްޖެއަށް ފުރުސަތު ދިނުމަށްޓަކާ އިންތިޚާބުގައި ވާދަނުކޮށް ދޫކޮށްލާފައެވެ.
ދިވެހިރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައެޅިފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް، ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ އިންތިޚާބުވެފައެވެ.
މީގެކުރިންވެސް 2011 އަދި 2016 ވަނަ އަހަރު ދެ އިންތިޚާބެއް ރާއްޖެއިން ކާމިޔާބުކޮށް އެ ކައުންސިލުގައި ހިމެނިފައިވާއިރު، މިއީ ރާއްޖެ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރި 3 ވަނަ ފަހަރެވެ. މި ފަހަރުގެ ދައުރު ފެށޭނީ 2023 ވަނަ އަހަރުއެވެ. އަދި އެ ދައުރު ދެމިއޮންނާނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.