ޚަބަރު

ހަމަހަމަކަމާއި، އިންސާނީ ޙައްޤުތަކަކީ ޑިމޮކްރަސީގެ އެއް އަސާސް: ރައީސް


ހަމަހަމަކަމާއި، އިންސާނީ ޙައްޤުތަކަކީ ޑިމޮކްރަސީގެ އެންމެ މައިގަނޑު އެއް އަސާސްކަމަށާއި، ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑި ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ނުވަތަ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ކުރިއަށްއޮތް ދައުރަށް ރާއްޖޭން ވާދަކުރި ގޮނޑި ކާމިޔާބުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނުގެ ޓުވީޓުގައި، އަސާސީ ހަމަހަމަކަމާއި، މިނިވަންކަމަކީ ޑިމޮކްރަސީގެ މައިގަނޑު ބައިތައްކަން ފާހަގަކުރައްވާ، ރާއްޖެއަށް މި ލިބުނު ކާމިޔާބީއާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

މި ގޮނޑި ކާމިޔާބުކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އެމަނިކުފާނުގެ "ޚާރިޖީ ޓީމް"އިން ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިތައް ސަރަހައްދީގޮތުން ބަހާފައިވާއިރު، މި އިންތިޚާބުގައި 14 ގޮނޑިއަކަށް މުޅިއަކު 17 ޤައުމަކުން ވަނީ ކުރިމަތިލާފައެވެ. ދިވެހިރާއްޖެއިން ކަށަވަރުކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތައް ހިމެނޭ ގްރޫޕަށް ކަނޑައަޅާފައިވާ 4 ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށެވެ. މި ގްރޫޕަށް ޖުމްލަ ކަނޑައަޅާފައިވަނީ 13 ގޮނޑިއެކެވެ.

ހުސްވެފައިވާ 4 ގޮނޑިއަށް ރާއްޖޭގެ އިތުރުން ކިރިގިސްތާން ރިޕަބްލިކް، އަފްޣާނިސްތާން، ބަންގްލަދޭޝް، ބަހްރެއިން، ވިއެޓްނާމް އަދި ދެކުނު ކޮރެއާ ވާދަކުރިއެވެ. ދެކުނު ކޮރެއާއަކީ މިހާރު ވެސް އެ ކައުންސިލްގައި އިންނަ ޤައުމެކެވެ. މީގެތެރެއިން ބަހުރެއިނުން ވަނީ ރާއްޖެއަށް ފުރުޞަތު ދިނުމަށްޓަކާ އިންތިޚާބުގައި ވާދަނުކޮށް ދޫކޮށްލާފައެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރި ޤައުމުތައް އިޢުލާންކޮށްފައިވަނީ އދ.ގެ އާއްމު މަޖިލީހުގައި މިރޭ އެކަމަށްޓަކައި ބޭއްވި ސިއްރު ވޯޓުގައެވެ. 189 ޤައުމަކުން މި އިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ. ރާއްޖޭގެ ހިމެނޭހެން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް 14 ޤައުމެއް އިންތިހާބުވިއެވެ.


މީގެކުރިންވެސް 2011 އިން 2016ގެ ނިޔަލަށް ދެ އިންތިޚާބެއް ކާމިޔާބުކޮށް ރާއްޖެ އެ ކައުންސިލުގައި ހިމެނިފައިވާއިރު، މިއީ ރާއްޖެ ކައުންސިލުގެ ގޮނޑި ކާމިޔާބުކުރި 3 ވަނަ ފަހަރެވެ. މި ފަހަރުގެ ދައުރު ފެށޭނީ 2023 ވަނަ އަހަރުއެވެ. އަދި އެ ދައުރު ދެމިއޮންނާނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި، ޑިމޮކްރަސީ ދެމެހެއްޓުމަށް ޙާއްސަ އިސްކަމެއް ދޭއިރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ. ގެ ރައީސް ކަމުގައި ހުންނެވި އިރުވެސް އެންމެ ބޮޑަށް ވަކާލާތުކުރެއްވި ކަންކަމުގެ ތެރޭގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން ހިމެނެއެވެ.

47 މެމްބަރުންގެ މައްޗަށް މިމަޖިލިސް އެކުލަވާލެވިފައިވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ އިންސާނީ ޙައްޤުތަކާ ޚިލާފު ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގައި އ.ދ. އަށް ލިބިފައިވާ އިމްތިޔާޒަށް އިތުރު ބާރެއް ލިބި، އެޖަމްޢިއްޔާއަކީ ތަފާތު ޚިޔާލުތަކަށް ތަންދޭތަނެއްކަން ދޭހަވާކަމެކެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ 3 އަހަރުކަމުގައިވާއިރު، ޖެހިޖެހިގެން 2 ދައުރަކަށް ކުރިމަތިލުމުގެ ފުރުޞަތު އެއްވެސް ޤައުމަކަށް ލިބިގެންނުވެއެވެ.