ސިއްހަތު

ނަފްސާނީ ބަލި މީހުންނަށް ރާއްޖެއިން ލިބެންހުރި ފަރުވާތައް ބަލަނީ


ނަފްސާނީ ބަލިމަޑުކަމުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރާއްޖެއިން ލިބެން ހުންނަ ފަރުވާއަކީ ކޮބައިތޯ ބައްލަވައި މިފަދަ ފަރުވާދެއްވުމުގެ ކަންކަން ތަރައްޤީކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް މިހެން ވިދާޅުވީ، ނަފްސާނީ ޞިއްޙަތުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގެ ދެވަނަ ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.ނަފްސާނީ ޞިއްޙަތުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލެއްވުމުގެ ދެވަނަ ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ ނަފްސާނީ ބަލިމަޑުކަމުގައި ދިރިއުޅޭ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ރާއްޖޭގައި މިހާރު ލިބެން ހުންނަ ފަރުވާއަކީ ކޮބައިތޯ ބައްލަވައި، އެފަދަ ބަލިތަކަށް ދެވޭނެ ފަރުވާތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުންނާއި، ދިރިއުޅޭ މާޙައުލުގެ ޙާލަތުގެ ސަބަބުން ނަފްސާނީ ބަލިތަކަށް ހުށައެޅޭ ކަމަށާއި، މިފަދަ ކަންކަމަށް ފަރުވާކުޑަކޮށް، ދޫކޮށްލައިގެން ނުވާނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. ނަފްސާނީ ޞިއްޙަތުގެ ސްޓްރެޓީޖިކް ޕްލޭން ފައިނަލް ކުރެވިގެންދާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާދެވޭ ފަދަ ގޮތަކަށް ކަންކަން ނިންމައި ދިނުމަށްވެސް ހެލްތް މިނިސްޓަރ މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދި ވަޑައިގެންނެވިއެވެ.ނަފްސާނީ ޞިއްޙަތުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައްވަނީ މިދިޔައަހަރު އެކުލަވާލެއްވި ނަފްސާނީ ޞިއްޙަތުގެ ސިޔާސަތުގެ ދަށުންނެވެ. މި ޕްލޭން ނިމޭއިރު ނަފްސާނީ ޞިއްޙަތުގެ ސިޔާސަތު ތަންފީޒްކުރައްވާނެ އުޞޫލުތައް ކަނޑައެޅިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައެވެ. އަދި މިއަދުގެ ބައްދަލުވުން ނިމޭއިރު މިޕްލޭން ފައިނަލް ވެގެންދާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.މި ބައްދަލުމުގައި ނަފްސާނީ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ. އެއްދުވަހުގެ މިބައްދަލުވުން ކުރިޔަށް ގެންދަވަނީ ހޮޓެލް ޖެންގައެވެ.