ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހު ބަލައިނުގަތް!


ލިވާޠު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާޢީ ބޮޑު ކުށަކަށް ހެދުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިނުގަންނަން ނިންމައިފިއެވެ.

މިދެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ގާސިމް ވިދާޅުވެފައިވަނީ، މި އިސްލާހު ހުށަހެޅުއްވީ ލިވާޠު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެންޖެހޭ ކުށްތަކެއްކަމަށް ގަބޫލު ކުރައްވާތީ ކަމުގައެވެ. މިއިސްލާހު މަޖިލީހުން ބަލައިނުގަތުމަށް ފާސްވީ 24 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައި ގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 9 މެމްބަރަކެވެ.

މިބިލް މަޖިލީހަށް ހުށަހެޅުއްވި ދުވަހު ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅިފައި ނުވާނަމަ، މިއީ އާދައިގެ ކުށްތަކުގެގޮތުގައި ދެކި، ތަހުގީގީ މަރުހަލާ ނިމުމަށްފަހުވެސް މުޖުތަމަޢަށް ދޫވެ ދިއުމުން މި ކުށްތައް ތަކުރާރުކުރުމުގެ ފުރުސަތު ކުށްކުރާ މީހުންނަށް ފަހިވެފައި އޮންނާނެ ކަމުގައެވެ.

މި އިސްލާހު ހުށަހަޅުއްވަމުން ގާސިމް ފާހަގަކުރައްވާފައި ވާގޮތުގައި، މިފަދަ ނުބައި އަމަލުތައް ހިންގާ ފަރާތްތައް މުޖުތަމަޢުން އެކަހެރި ކުރެވެންޖެހެއެވެ. އަދި އެމީހުން މުޖުތަމަޢުން އެކަހެރި ނުކުރެވިއްޖެނަމަ، އެމީހުންގެ ވަސްވާހުގައިޖެހި، އޭގެ އަސަރުތައް އެމީހުންގެ އާއިލާތަކަށާއި މުޅި މުޖަތަމައަށްވެސް ފޯރުމުގެ ފުރުސަތު އޮނާނެކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

ޤާނޫނުގައި މިހާރު އޮންނަ ގޮތުން ޖިންސީކުށެއް ސާބިތުވެއްޖެނަމަ އެމީހަކަށް 5 އަހަރާއި، 7 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލުހުކުމެއް އަންނާނެއެވެ. އަދި ޤާނޫނުލްއުޤޫބާތުގެ ދަށުންވެސް އެމީހަކަށް ޖަލުހުކުމެއް އިއްވާނެއެވެ.