ޚަބަރު

ތޫފާން ޖޫލިޔާ: ވެނެޒުއެލާއިން މަރުވި މީހުންގެ ޢަދަދު 36އަށް


ތޫފާން ޖޫލިޔާގެ ސަބަބުން ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ވެނެޒުއެލާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 36އަށް އަރައިފިއެވެ. މި ތޫފާނުގެ އަސަރު މެދުތެރޭ އެމެރިކާގެ ޤައުމުތަކަށް ވެސް ވަނީ ކޮށްފައެވެ. އެ ސަރަޙައްދުގެ ޤައުމުތަކުން 11 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ތޫފާން ޖޫލިޔާގެ ސަބަބުން ވެނެޒުއެލާއަށް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ. އަދި، ކޯރުތައް ފުރިގެން ބަންޑުންވިއެވެ. ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ހިނގާފައި ވަނީ ވެރިރަށް ކަރާކަސްއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ލަސް ޓެހޭރިޔާސް ކިޔާ ރަށެއްގައެވެ.

ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމާ ގުޅިގެން އެ ރަށަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ. ގެދޮރުގެ ބައިތައް ވަނީ ވެއްޓިފައެވެ. ވިޔަފާރިތަކާއި ޢިމާރާތްތަކަށް ވަނީ ގެއްލުންވެފައެވެ. އަދި ގިނަ ޢަދަދެއްގެ ދުއްވާ އުޅަނދެއް ވަނީ ހަލާކުވެފައެވެ. 317 ގެއެއް މުޅިން ހަލާކުވެފައިވާ ކަމަށާއި، އިތުރު 757 ގެއަކަށް ގެއްލުންވެފައިވާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ. އަދި، ބޮޑު ބަޔަކުން ކަރަންޓާއި ފެނުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.

ފަރުބަދަމަތީ ރަށެއް ކަމުގައިވާ ލަސް ޓެހޭރިޔާސް އަކީ 54,000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި ވެއްޔާއި ކިސަޑުތަކުގެ ދަށުވެ ގެއްލުނު މީހުން ހޯދުމަށް 3,000 އަށްވުރެ ގިނަ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދިވެސް، 54 މީހަކު ނުފެންނަ ކަމަށް އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ.

އެވުރެޖުކޮށް މަހެއްގެ މައްޗަށް ވޭހޭހާ ވާރޭ، އެންމެ އަށް ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދަށް ވެހިފައިވާ ކަމުގައި ވެނެޒުއެލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒް ވިދާޅުވިއެވެ. އަދި، މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ކާރިސާއެއް ކަމުގައި އޭނާ ޤަބޫލުފުޅު ކުރައްވައެވެ.

ތޫފާން ޖޫލިޔާގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި މެދުތެރޭ އެމެރިކާގެ ޤައުމުތަކެއް ކަމުގައިވާ ހުންޑޫރަސް އަދި އެލް ސަލްވަޑޯގައި މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ. އެލް ސަލްވަޑޯއިން މަރުވި ނުވަ މީހުންގެ ތެރެއިން ފަސް މީހުންނަކީ ސިފައިންނެވެ.

އެ މީހުން މަރުވީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނުކޮށް، ފާރެއް ވެއްޓި، ފާރުގެ ދަށުވެގެންނެވެ. އެ ޤައުމުގައި ހާލުގައި ޖެހިފައިވާ 1,000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.

ހުންޑޫރަސްގައި ދެ މީހަކު މަރުވީ، އެ މީހުން ދަތުރުކުރަމުން ދިޔަ ބޯޓު ބަންޑުންޖަހައިލުމުގެ ސަބަބުންނެވެ. މި ހާދިސާގައި އިތުރު މީހަކު ކަނޑަށް ގެއްލިފައިވާ ކަމަށާއި، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ.

ގުއަޓެމާލާއަށް ވެސް ތޫފާން ޖޫލިޔާގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ޤައުމުގައި ތޫފާނާ ގުޅިގެން ވެއްޓުނު ޢިމާރާތެއްގެ ދަށުވެފައިވާ ކަމަށް ބެލެވޭ ފަސް މީހަކު ސަލާމަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ތޫފާން ޖޫލިޔާގެ ސަބަބުން ނިކަރާގުއާގައި 7,500 މީހުން ހާލުގައި ޖެހިފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. އަދި، 3,000 އަށްވުރެ ގިނަ ގެދޮރުގައި ފެންބޮޑުވެ، 2,000 އަށްވުރެ ގިނަ ގޭގެ ފުރާޅު އެއްލައިލާފައިވާ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

ތޫފާން ޖޫލިޔާ ފަދަ ބާރުގަދަ ތޫފާންތަކެއް 2020 ވަނަ އަހަރުގެ ތެރޭގައި ވެސް މެދުތެރޭ އެމެރިގެ ޤައުމުތަކަށް އެރިއެވެ. ތޫފާން އެޓާ އަދި އަޔޯޓާއާ ގުޅިގެން ކުރިމަތިވި ހާދިސާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.