ޚަބަރު

ރަޝިޔާއިން ޔޫކްރެއިނުގެ ރަށްތައް ހިފާ މައްސަލަ އ.ދ.ގެ ޢާންމު މަޖިލީހަށް


ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި އެ ޤައުމުގެ ބައެއް ސަރަޙައްދުތައް ހިފާފައިވާ މައްސަލަ އ.ދ.ގެ ޢާންމު މަޖިލީހަށް ހުށަހަޅައި، އެ ކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މި މައްސަލަ އެ މަޖިލީހަށް ހުށަހަޅާފައި މި ވަނީ ރަޝިޔާ އިތުރަށް އެކަހެރި ކުރުމަށް ހުޅަނގުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިނުން އެ މަޖިލީހަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަރްގޭ ކިސްލިޓްސިޔާ ވަނީ ރަޝިޔާއަކީ ޓެރެރިސްޓުގެ ދަޢުލަތެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކަކީ އިރުމަތީގައިވާ ޑޮނެޓްސްކްއާއި ލުހާންސްކްގެ އިތުރުން ދެކުނުން ޒަޕޮރީޜިޔާއާއި ޚާރްސަންއެވެ.

"ރަޝިޔާއަކީ ޓެރެރިސްޓު ދަޢުލަތެއް ކަން އެ ދަނީ ސާބިތު ކޮށްދެމުން. ރަޝިޔާގައި މިހާރު އޮތީ ޚުދުމުހުތާރު ވެރިކަމެއް. އެ ވެރިކަން ދެމިއޮތްހާ ހިނދަކު، އެ ސަރަޙައްދަށް ސުލްޙައެއް ނުގެނެވޭނެ،" ކިސްލިޓްސިޔާ ވިދާޅުވިއެވެ.

ރަޝިޔާއިން މިހާރު ގެންދަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް ވަރުގަދަ ކްރޫޒް މިސައިލް ހަމަލާތަކެއް އަމާޒު ކުރަމުންނެވެ. މި ހަމަލާތަކުގައި ކިސްލިޓްސްޔާގެ ޢާއިލާގެ މެންބަރުން ދިރިއުޅޭ ރަށްތައް ވެސް ހިމެނޭ ކަމަށާއި، އެންމެ ފަހުން ދީފައިވާ ހަމަލާތަކުގައި ޢާންމުންގެ 14 މީހުން މަރުވެ، އިތުރު 97 މީހަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ކިސްލިޓްސްޔާގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އ.ދ.ގެ ޢާންމު މަޖިލީހުގައި ރަޝިޔާ ތަމްސީލު ކުރައްވާ ސަފީރު ވަސީލީ ނެބެންޒްޔާ ވަނީ، ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތައް ހިފުން ދިފާޢު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

"ޔޫކްރެއިނުގެ އިރުމަތީގައި ދިރިއުޅެނީ ރަޝިޔާ ރައްޔިތުންގެ ޢާއިލާތައް. އަޅުގަނޑުމެން އެ ސަރަޙައްދުތައް ހިފާފައި އެ ވަނީ އެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް. ޔޫކްރެއިނުން ކަންބޮޑުވެގެން އެ އުޅަނީ އަޅުގަނޑުމެންގެ ބޭބެއިންނާއި ދައްތައިން ސަލާމަތް ކުރަން އުޅޭތީ،" ނެބެންޒްޔާ ވިދާޅުވިއެވެ.

ޢާންމު މަޖިލީހުގެ ބައްދަލުވުން ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ރަޝިޔާއިން ޔޫކްރެއިނެ މައި ރަށްތަކަށް ދޭން ފަށާފައިވާ ހަމަލާތައް ކުށްވެރި ކުރައްވާފައެވެ. އަދި، އެ ހަމަލާތައް ބަލައިނުގަނެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ރަޝިޔާގެ އަމަލުތަކަކީ ބައިނަލްއަޤުވާމީ އުސޫލުތަކާއި މިންގަނޑުތަކާ ޚިލާފު އަމަލުތަކެއް. މިއީ، ތަހުޒީބުވެފައިވާ މުޖުތަމަޢަކުން ފެނިގެން ވާނެ އަމަލުތަކެއް ނޫން. ރަޝިޔާގެ އަމަލުތައް ބަލައިގަނެގެން ނުވާނެ،" ގުތެރޭޝް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ރަޝިޔާއަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ. ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުން ދަނީ ޤާނޫނާއި ޚިލާފު ހަނގުރާމައެއް ކަމަށާއި، ހަނގުރާމައިން ސާފުވަނީ ރަޝިޔާގެ ނުލަފާ ކަން ކަމުގައެވެ. ނަމަވެސް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ޔޫކްރެއިނަށް އިތުރު ހަމަލާތައް ދޭނެ ކަމުގައި ވިދާޅުވެފައެވެ.

ރަޝިޔާގެ މައްސަލަ އ.ދ.ގެ ޢާންމު މަޖިލީހަށް ހުށަހަޅާފައި ވަނީ، އ.ދ.ގެ ސަލާމަތީ މަޖިލީހުގައި އެ މައްސަލައާ މެދު ބަހުސް ކުރުމަށް ކުރި މަސައްކަތްތައް ރަޝިޔާއިން ވީޓޯ ކުރުމުގެ ބާރުގެ ބޭނުން ހިފައި ހުއްޓުވުމުންނެވެ. ސަލާމަތީ މަޖިލީހަށް ހުށަހެޅި މައްސަލައިގައި އެއްވެސް ޤައުމަކުން ރަޝިޔާއާ ދެކޮޅަށް ވޯޓުލާފައެއް ނުވެއެވެ.ނަމަވެސް، ޗައިނާއާއި އިންޑިޔާގެ އިތުރުން ބްރެޒިލްއާއި ގެބޯންއިން މި ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ޢާންމު މަޖިލީހުގައި ނަގާ ވޯޓުތައް ވީޓޯ ކުރުމުގެ ބާރު އެއްވެސް ޤައުމަކަށް ނޯވެއެވެ. އޮކްޓޫބަރު 12ވަނަ ދުވަހުގެ ކުރިން މި މައްސަލައާ މެދު އެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަށް ވޯޓަށް އަހާނެއެވެ.

ޢާންމު މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުގެ ބޭނުމަކީ ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ބަލައިނުގަތުމެވެ. އަދި، އެ ސަރަޙައްދުތަކުން ރަޝިޔާ ސިފައިން ފޭބުމަށް އެންގުމެވެ. ޤަރާރު ތައްޔާރު ކޮށްފައި ވަނީ ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުން އިސްނަގައިގެންނެވެ.

މި ޤަރާރާ ގުޅިގެން ރަޝިޔާއިން ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ މެންބަރުންނަށް ސިޓީއެއް ފޮނުވާފައެވެ. އަދި، ބައިނަލްއަޤުވާމީ ސުލްޙަމަސަލަސްކަން ނަގައިލުމަށް ހުޅަނގުގެ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި، އ.ދ.ގެ ޗާޓަރާ ޚިލާފުވެފައިވާ ކަމުގައި ތުހުމަތު ކޮށްފައެވެ.
މި ޤަރާރާ މެދު ސިއްރު ވޯޓެއް ނެގުމަށް ވެސް ނެބެންޒްޔާ ވަނީ ހުށަހަޅުއްވާފައެވެ.

ނަމަވެސް، އަލްބޭނިޔާއިން ވަނީ އެ ކަމާ ދެކޮޅަށް ޤަރާރެއް ހުށަހަޅާފައެވެ. އެ ޤަރާރު ފާސްވީ 107 މެންބަރުންގެ ތާޢީދާ އެކުއެވެ. ދެކޮޅަށް ވޯޓުލާފައި ވަނީ 13 ޤައުމަކުންނެވެ. ވަކި ކޮޅަކަށް ނުޖެހި އޮތީ 39 މެންބަރުންނެވެ.