ވިޔަފާރި

މީރާގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފި


މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ، މީރާގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފިއެވެ.މީރާގެ އައްޑޫ ސިޓީ އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު އައްޑޫސިޓީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުއްﷲ ޖިޙާދެވެ.މީރާގެ އައްޑޫ ސިޓީގެ އޮފީހުން މީރާގެ މާލެ އޮފީހުންދޭ ހުރިހާ ޙިދުމަތެއް ލިބެން ހުންނާނެ ކަމަށް މީރާ އިން މައުލޫމާތުދެއެވެ. މީރާގެ އައްޑޫ ސިޓީ އޮފީސް ހުޅުވާފައިވަނީ އައްޑޫ ސިޓީ ހޯލް އިމާރާތުގައެވެ.މީގެ އިތުރުން މިއަދު ޏ. ފުވައްމުލަކުގައި މީރާގެ ކަލެކްޝަން ސެންޓަރއެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު ފުވައްމުލަކުގައި ބާއްވާ ރަސްމިއްޔާތެއްގައި މީރާގެ ފުވައްމުލަކުގެ ކަލެއްޝަން ސެންޓަރ ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނީ ވެސް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުއްﷲ ޖިޙާދެވެ.މީރާއިން އަންނަނީ ރާއްޖޭގެ އާބާދި ބޮޑު ރަށްރަށުގައި އެ އޮތޯރިޓީގެ އޮފީސްތައް ހުޅުވަމުންނެވެ. އެގޮތުން މިހާރު ހދ.ކުޅުއްދުފުށީގައި މީރާގެ އޮފީހެއް ހުޅުވާފައިވާއިރު، މިއަހަރު ތެރޭ އިތުރު 4 ރަށެއްގައި މީރާގެ އޮފީސްތައް ހުޅުވުމަށް ވަނީ ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.މީރާގެ ކަލެކްޝަން ސެންޓަރތަކުން ދޭ ޙިދުމަތްތަކުގެ ތެރޭގައި ފައިސާ ބަލައިގަތުމާއި ބަޔާންތައް ބަލައިގަތުން ހިމެނެއެވެ. މީރާގެ ކަލެއްޝަން ސެންޓަރތައް މިހާރު ފ.ނިލަންދޫ، ލ.ފޮނަދޫ އަދި ބ.އޭދަފުށީގައި ހުރެއެވެ.