ޚަބަރު

ކޮވިޑަށްފަހު ފަތުރުވެރިންނަށް ޖަޕާނުގެ ބޯޑަރުތައް ހުޅުވާލަނީ


ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިންނަށް ބަންދުކޮށްފައި އޮތް ޖަޕާނު ބޯޑަރުތައް ހުޅުވައިލައި، ފަތުރުވެރިންނަށް މަރުޙަބާ ކިޔަން އެ ޤައުމުން ތައްޔާރުވެއްޖެއެވެ. ކޮވިޑާ ގުޅިގެން އެ ޤައުމަށް ދަތުރު ކުރުމަށް އޮތް ހުރަސްތައް އުވައިލާ، ޖަޕާނުން އެ ޤައުމުގެ ބޯޑަރުތައް ހުޅުވައިލާނީ އޮކްޓޫބަރު 11ވަނަ ދުވަހުއެވެ.

"އޮކްޓޫބަރު 11އިން ފެށިގެން ބޭރު ޤައުމުތަކުގެ ދަތުރުވެރިންނާއި ފަތުރުވެރިންނަށް އޮތް ހުރަސްތައް އުވައިލާނަން. ޖަޕާނުން ވެސް އަމަލު ކުރާނީ އެމެރިކާއިން އަމަލު ކުރާ ފަދަ ސިޔާސަތުތަކަކަށް. އަދި، ވިސާއާ ނުލައި މި ޤައުމަށް އެތެރެވުމުގެ ފުރުޞަތު ވެސް އޮންނާނެ،" ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހެން ޤައުމުތަކެކޭ އެއް ފަދައިން ކޮވިޑާ ގުޅިގެން ޖަޕާނުގެ އިޤްތިޞާދަށް ވެސް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމުގައެވެ. މި ގޮތުން، ދަތުރު ކުރުމާއި، އެއްތަނުން އަނެއްތަނަށް މުދާ ގެންދިޔުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އެ ޤައުމުގެ ފައިސާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

ޗައިނާއެކޭ އެއް ފަދައިން، ޖަޕާނުން ވެސް ވަނީ ފަތުރުވެރިންނަށް އެ ޤައުމުގެ ބޯޑަރުތައް އަލުން ހުޅުވައިލުން ފަސްކޮށްފައެވެ. ނަމަވެސް، ކޮވިޑާ ގުޅިގެން ޗައިނާއިން އަޅަމުންދާ ފުރަބަންދު ކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް ޖަޕާނުގެ ސަރުކާރުން އަޅާފައެއް ނުވެއެވެ.
ފަތުރުވެރިންނަށް ވިސާ ނެގުމަކާ ނުލައި ޖަޕާނަށް ދަތުރު ކުރުމުގެ ފުރުޞަތު އެ ޤައުމުން ބަންދުކޮށްފައި ވަނީ 2020 މާރިޗުގައެވެ. އެއާއެކު، އެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ހުއްޓުން އެރިއެވެ. 2019ވަނަ އަހަރު އެ ޤައުމަށް 31.9 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

މި އަހަރުގެ ޖޫން މަހު ޖަޕާނުން ވަނީ ގުރޫޕުތަކުގެ ގޮތުގައި ދަތުރު ކުރާ ފަތުރުވެރިންނަށް އެ ޤައުމަށް އެތެރެވުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް، ކުރިން ވިސާ ނެގުމުގެ އިތުރުން ހަރުކަށި ސިޔާސަތުތަކަކަށް ފަތުރުވެރިން އަމަލު ކުރަން ޖެހެއެވެ. އެއްތަނުން އަނެއްތަނަށް ދަތުރު ކުރެވެނީ ވެސް ސަރުކާރުން ހުއްދަ ދީފައިވާ ގައިޑަކާ އެކުގައެވެ.

ކޮވިޑުގެ އާލަމީ ބަލިމަޑުކަމުގައި ޖަޕާނުގެ 42,600 އަށްވުރެ ގިނަ މީހުން މަރުވިއެވެ. މިއީ، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކާ އަޅައިބަލާއިރު މަދު އަދަދެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް ޖަޕާނުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމުގެ އާބާދީގެ ބޮޑު ބައެއް ވަނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައެވެ. މީގެ ތެރެއިން ވެސް 65 އަހަރުން މަތީގެ މީހުންގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވަނީ ބޫސްޓަރ ޑޯޒް ވެސް ޖަހައިދީފައެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ޖަޕާނުން އަދި އުވައިލާފައެއް ނުވެއެވެ. މަޖުބޫރުކަމެއް ނެތް ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުގެ ގިނަ ރައްޔިތުން އަދިވެސް މާސްކު އަޅައެވެ. ޚާއްޞަކޮށް، މީހުން އެއްވެ އުޅޭ ޢާންމު ތަންތަނަށް ދާ ހުރިހާ އެންމެން ވެސް މާސްކު ބޭނުން ކުރެއެވެ.

ޖަޕާނުން ފަތުރުވެރިންނަށް އެ ޤައުމުގެ ބޯޑަރުތައް ހުޅުވައިލި ނަމަވެސް، ޗައިނާއިން އަދިވެސް ދަނީ އެ ޤައުމުގެ ޒީރޯ-ކޮވިޑު ސިޔާސަތަށް އަމަލު ކުރަމުންނެވެ. އެހެންކަމުން، ޖަޕާނަށް ދަތުރު ކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. މީގެ އިތުރުން، ވިލާތުގެ ޤައުމުތަކަށް މި ވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން ޖަޕާނަށް ދަތުރު ކުރާނެ ވިލާތުގެ ޤައުމުތަކުގެ ފަތުރުވެރިންގެ އަދަދު ވެސް މަދުވާނެ ކަމަށް ލަފާ ކުރެވެއެވެ.