ޚަބަރު

މިދިޔަ 4 އަހަރުގެ ޞިއްޙީ ދިރާސާތައް ފޮތަކަށް!


ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު ދިރާސާތަކުގެ މަޢުލޫމާތު ހިމެނޭ ފޮތެއްކަމުގައިވާ "ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް 2018-2021" އާންމުކޮށްފިއެވެ.

މި ފޮތް ޢާންމުކޮށް ޝާއިއުކޮށްފައިވަނީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މިނިސްޓްރީން ބުނިގޮތުގައި މިފޮތް ޝާއިޢުކުރުމުގެ މައިގަނޑު މަގުސަދަކީ ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖޭގައި ކުރެވިފައިވާ ސިއްޙީ ދިރާސާތަކުގެ މައުލޫމާތު ފަސޭހަކަމާއެކު އެއް ފޮތަކުން އާންމުންނަށް ފޯރުކޮށްދިނުމެވެ. އަދި ޞިއްޙީ ދިރާސާކުރާ ފަރާތްތަކުގެ މަސައްކަތް ގައުމީ ފެންވަރުގައި ދައްކާލުމުގެ އިތުރުން އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ.

މި ފޮތުގައި 30 އަށްވުރެ ގިނަ ސިއްޙީ ދިރާސާތަކުގެ އެބްސްޓްރެކްޓް ހިމެނޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި، ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކަށް ފަރުވާދިނުމާއި، ސިއްޙީ ޚިދުމަތްތައްފަދަ މައުޟޫތަކަށް ހެދިފައިވާ ދިރާސާތައް ހިމެނެއެވެ. އަދި ކޯވިޑް-19އާ ގުޅޭގޮތުން ފާއިތުވި 2 އަހަރުގެ ތެރޭގައި ހެދިފައިވާ ދިރާސާތައްވެސް މިފޮތުގައި ހިމަނާފައިވާނެކަމަށް ބުނެއެވެ.

އެ މިިނިސްޓްރީން ވިދާޅުވިގޮތުގައި މިފޮތުގެ ޒަރިއްޔާއިން ސިއްޙީ ދިރާސާކުރާ ފަރާތްތަކަށާއި ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޭނުންތެރި، ފެންވަރު ރަގަޅު ދިރާސާތަކެއް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ބުނެއެވެ.