ޓުއަރިޒަމް

އައިޓީބީގައި ރެކޯޑް އަދަދަށް ކުންފުނިތަކުން މިއަހަރު ބައިވެރިވޭ


އަންނަ މާރޗްމަހު
ޖަރުމަންވިލާތުގެ ބަރލިންގައި ބާއްވާ އައި.ޓީ.ބީ ފެއަރގައި ރެކޯޑް ޢަދަދަކަށް ދިވެހި
ކުންފުނިތަކުން ބައިވެރިވެފައިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.



އަންނަ މަހު 9 ން 13
އަށް ބާއްވާ މި ފެއަރގެ، މިއަހަރުގެ
ހޯސްޓް ކަންޓްރީއަކީ ދިވެހިރާއްޖެއެވެ. މިފަހަރުގެ ފެއަރގައި ރާއްޖޭގެ
ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ވެސް
ބައިވެރިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރ މޫޒާ ޒަމީރު ވެސް
ބައިވެރިވަޑައިގަންނަވާނެއެވެ.



ޖަރުމަނުވިލާތުގެ
ބަރލިންގައި ބާއްވާ އައި.ޓީ.ބީ ފެއަރއަކީ ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ
އެންމެ ބޮޑު ފެއަރއެވެ. މި ފެއަރއަށް ކޮންމެ އަހަރުކުވެސް އެތައްހާސް ބަޔަކު
ޒިޔާރަތްކުރެއެވެ.



މި ފެއަރގެ މި
އަހަރުގެ ހޯސްޓް ކަންޓްރީއަކީ ދިވެހިރާއްޖެ ކަމަށްވާތީ، ރާއްޖެއިން މި ފެއަރއަށް
ވަރަށް ބޮޑަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިފެއަރގައި ރާއްޖެ ތަމްސީލުކުރުމަށް
93 ކުންފުންޏަކުން، 267 މަންދޫބުން ބައިވެރިވާނެއެވެ. އެމްއެމްޕީއާރސީން މިއަދު ވަނީ، މިފެއަރގައި ބައިވެރިވާ ކުންފުނިތަކުގެ އޮފިޝަލުންނާ
ބައްދަލުކުރައްވައި ފެއަރއާ ގުޅޭ މަޢުލޫމާތު ޙީއްޞާފައެވެ. އެމްއެމްޕީއާރުސީގެ ޑެޕިއުޓީ
ޑިރެކްޓަރ ފާތިމަތު ރަހީލް ވިދާޅުވީ، މިއީ
މިހާތަނަށް ބޭރުގެ ފެއަރއެއްގައި ރާއްޖެ ތަމްޞީލްކުރުމަށް އެންމެ ގިނަ އަދަދެއްގެ
މީހުން ބައިވެރިވާ ފަހަރުކަމަށެވެ.



އައި.ޓީ.ބީއަކީ
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ މަންދޫބުން ބައިވެރިވާ ފެއަރ އަށްވާއިރު،
މި އަހަރު އައި.ޓީ.ބީގެ ގޯލްޑަން ޖުބްލީވެސް ފާހަގަކުރާނެއެވެ. މިއީ ފަތުރުވެރި
ކަމުގެ ދާއިރާއިން މި އަހަރު ފަތުރުވެރިކަމުގައި ރާއްޖޭއިން ޙާޞިލްކުރަން ބޭނުންވާ
މުހިއްމު އެއް ލަނޑުދަނޑިއަށް ވާޞިލްވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
"ވިޒިޓް މޯލްޑިވްސް ޔިއަރ" ކެމްޕެއިންގެ ދަށުން ރާއްޖެއިން ވަނީ މި
އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އެރުވުމަށް
އަމާޒުކޮށްފައެވެ.



އައިޓީބީގައި
ރާއްޖެއިން ކުރިއަށް ގެންދާ ޙަރަކާތުގެ ތެރޭގައި މިހާތަނަށް ރާއްޖެއިން އެންމެ
ގިނަ ބައިވެރިންނާއެކު ހުށަހަޅާ މުނިފޫހިފިލުވުމުގެ ޙަރަކާތް ފެނިގެންދާނެއެވެ. މި
ޙަރަކާތުގައި 60 ހަށް ގިނަ ބައިވެރިން ބައިވެރިވާނެއެވެ. މީގެ އިތުރުން ރާއްޖޭގެ
ޓޫރިޒަމާއި ތިމާވެއްޓާ ގުޅޭ ޕްރެޒެންޓޭޝަންތައް ދިނުމާއި، ރާއްޖެއަށް ފަތުރުވެރިން
އައުމަށް ހިތްވަރުދިނުމަށް ތަފާތު ޙަރަކާތްތައް ވަނީ ރާވާފައެވެ. އެގޮތުން ޘަޤާފީ
ކުޅިވަރުތަކާއި، އަތްތެރި މަސައްކަތް ދަށްކުވައިދިނުމާއި
ވެލިން ކުރެހުމުގެ ޚާއްޞަ ޙަރަކާތެއްވެސް ފެއަރއިން ފެނިގެންދާނެއެވެ.



މިއަހަރަކީ ، މިފެއަރގައި
ރާއްޖެއިން ބައިވެރިވާ 32 ވަނަ ފަހަރުއެވެ.