އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާރކެޓް(އައިއެމްޓީއެމް)އިން، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ބެހޭގޮތުން އިތުރު ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
އަންނަ މަހު 17ވަނަ ދުވަހާއި 18ވަނަ ދުވަހު ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިޖްތިމާޢީ، އިޤްތިޞާދީ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިގޮތެއްގައި ކަންކަން ކުރިއަށްގެންދިއުމާ ގުޅޭވާހަކަތައް ދެއްކުމަށް ހަމަޖެހިފައިވާކަމަށް އައިއެމްޓީއެމްއިން މަޢުލޫމާތުދެއްވައެވެ.
ސަސްޓައިނަބަލް ޓުއަރިޒަމް ފޯރަމް (އެސްޓީއެފް) ނުވަތަ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ފޯރަމަކީ 2019ވަނަ އަހަރު އައިއެމްޓީއެމްއިން އިފްތިތާޙްކުރި ފޯރަމެކެވެ. އެޖަމްޢިއްޔާގެ އަމާޒަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރު ދީ، އެދާއިރާއާއި ގުޅުންހުރި ކަންކަމުގައި މަޝްވަރާ ކުރުމަށް ބާރުއެޅުމުގެ އިތުރުން މޫސުމީ މައްސަލަތަކަށް ސަމާލުކަންދީ، ދެމެހެއްޓެނިވި ޙައްލުތައް ހޯދުމަށް މަސައްކަތްކުރުމެވެ.
މި ފޯރަމްގައި ކަމާބެހޭ ބައިނަލްއަޤްވާމީ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުން ބައިވެރިވާނެކަމަށް އައިއެމްޓީއެމް އިން މަޢުލޫމާތުދެއްވައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންވެސް މިފޯރަމްގައި ބައިވެރިވާނެއެވެ. މި ފޯރަމް ކުރިއަށްދާނީ 3 ސެޝަނަކަށް ބަހާލައިގެންނެވެ.
އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް ނުވަތަ އައިއެމްޓީއެމްގެ މިއަހަރުގެ ޝިއާރަކީ "އައު ޚިޔާލުތަކާއި ބަދަލުތަކާއެކު ވިލުންވެރި ފަތުރުވެރިކަމަކަށް" މިޝިޢާރެވެ. މީގެ ކުރިންވެސް އައިއެމްޓީއެމް އިން ވަނީ ކާމިޔާބުކަމާއިއެކު ފަތުރުވެރިކަމާ ގުޅޭ އެތައް ފޯރަމެއް ކުރިއަސްގެންގޮސްފައެވެ.