ކުޅިވަރު

ލިވަޕޫލް ބަލިކޮށް އާސެނަލް އަނެއްކާވެސް އެއްވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ބަލިކޮށް ތާވަލުގެ އެއްވަނައަށް އާސެނަލް އަނެއްކާވެސް ޖެހިލައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ މިނެޓްގައި އާސެނަލްއިން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ. އެކަމަކު މެޗްގެ 34 ވަނަ މިނެޓްގައި ޑާވިން ނޫނޭޒް ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަމަވެސް އާސެނަލްއިން ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ލަނޑެއް ޖަހައި އަލުން ނަގާފައެވެ. ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ. އޭގެ ފަހުން މެޗްގެ 53 ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. މި މެޗުން އާސެނަލް މޮޅުވި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ސާކާއެވެ.

މި ކާމިޔާބީއާއެކު ތާވަލުގެ އެއްވަނައަށް އާސެނަލް އަނެއްކާވެސް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 24 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އުޅެނީ އެއް ޕޮއިންޓް ފަހަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. އަދި ލިވަޕޫލް އުޅެނީ ކުޅުނު އަށް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.