ކުޅިވަރު

އެންމެ ފަހުގެ ފައިނަލުގައި ވާދަކުރި އިޓަލީ އާއި އިންގްލަންޑް އެއް ގްރޫޕަކަށް


އެންމެ ފަހުން ބޭއްވި ޔޫރޯ 2020 ގެ ފައިނަލް މެޗުގައި ވާދަކުރި ދެ ޓީމު ކަމަށްވާ ޗެމްޕިއަން އިޓަލީ އާއި އިންގްލަންޑް، 2024 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގައި އެއް ގްރޫޕަކަށް ލައްވާލައިފިއެވެ.

މި ދެ ޓީމް އެއް ގްރޫޕަކަށް ލައްވާލާފައިވަނީ ޖަރުމަނުގެ ފްރޭންކްފަޓްގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ކޮލިފައިން ގުރުއަތުލުގައެވެ.

މި ދެޓީމްވެސް ލައްވާލައިފާވަނީ ގްރޫޕް ސީ ގައެވެ. މިގްރޫޕްގައި ދެން ހިމެނެނީ ޔޫކްރެއިން، ނޯތު މެސެޑޯނިއާ އަދި މޯލްޓާއެވެ. އިންގްލަންޑާއި އިޓަލީ ވަނީ އެންމެފަހުން ބޭއްވި ޔުއެފާ ނޭޝަންސް ލީގުގައިވެސް އެއް ގްރޫޕެއްގައި ހިމެނިފައެވެ. އެ ގްރޫޕުން އެއްވަނަ ހޯދައިގެން އިޓަލީ ވަނީ ނޭޝަންސް ލީގުގެ ފައިނަލްސްއިން ޖާގަހޯދާފައެވެ. މީގެއިތުރުން މިގްރޫޕްގައި ދެން ހިމެނޭ ނޯތު މެސެޑޯނިއާއަކީ މި ފަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވިޔަނުދީ ހިފަހައްޓާލި ޓީމެވެ.

ޔޫރޯ 2024 ކޮލިފައިންގެ އެހެން ގްރޫޕްތައް ބެހިގެންދިޔަ ގޮތަށް ބަލާލާއިރު ގްރޫޕް އޭގައި ހިމެނުނީ ސްޕެއިން، ސްކޮޓްލަންޑް، ނޯވޭ، ޖޯޖިއާ އަދި ސައިޕްރަސްއެވެ. ގްރޫޕް ބީގައި ނެދަލަންޑްސް، ފްރާންސް، އަޔަލަންޑް، ގްރީސް އަދި ޖިބްރޯލްޓާ ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ ކްރޮއޭޝިއާ، ވޭލްސް، އާމީނިއާ، ތުރުކީޔޭ އަދި ލެޓްވިއާއެވެ.

ގްރޫޕް އީ ގައި ޕޯލަންޑް، ޗެކް ރިޕަބްލިކް، އަލްބޭނިއާ، ފެރޯ އައިލަންޑްސް އަދި މޯލްޑޮވާ ހިމެނޭއިރު، ގްރޫޕް އެފްގައި ހިމެނެނީ ބެލްޖިއަމް، އޮސްޓްރިއާ، ސްވިޑްން، އަޒަރްބައިޖާން އަދި އެސްޓޯނިއާއެވެ. ގްރޫޕް ޖީ ގައި ހަންގޭރީ، ސާބިއާ، މޮންޓެނީގްރޯ، ބަލްގޭރިއާ އަދި ލިތުއޭނިއާ ހިމެނޭއިރު، ގްރޫޕް އެޗްގައި ހިމެނެނީ ޑެންމާކް، ފިންލަންޑް، ސްލޮވީނިއާ، ކަޒަކިސްތާން، ނޯދަން އަޔަލަންޑް އަދި ސެން މަރީނޯއެވެ. މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އައި ގައި ސްވިޓްޒަލަންޑް، އިސްރާއީލް، ރޮމޭނިއާ، ކޮސޯވޯ، ބެލަރޫސް އަދި އެންޑޯރާ ހިމެނޭއިރު، ގްރޫޕް ޖޭ ގައި ހިމެނެނީ ޕޯޗުގަލް، ބޮސްނިއާ، އައިސްލަންޑް، ލަގްޒެމްބޯގް، ސްލޮވާކިއާ އަދި ލީޗެންސްޓައިންއެވެ.

ޖަރުމަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 ގެ ކޮލިފައިން މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހުން ފެށިގެން ގޮސް ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.