ދުނިޔޭގެ ވިޔަފާރި

ޔުކްރެއިންގެ އިގްތިސާދީ ދުވެލި ދަށްވެއްޖެ


މިދިޔަ އަހަރުގެ ފުރަތަމަ 3 ކުއާޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 3 ކުއާޓަރގައި ޔުކްރެއިންގެ އިގްތިސާދީ ދުވެލި %30އަށް މަޑުވެފައިވާކަމަށް އެ ގައުމުގެ އިގްތިސާދާއިބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އަދި މިއީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދަށްވި ދަށްވުމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިގްތިސާދީ ދުވެލި މަޑުވެފައިވަނީ ސެޕްޓެމްބަރުމަހު މޫސުން ގޯސްވުމުން ދަނޑުވެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރުމާއި ދުވެލި ލަސްވި އިރުވެސް ދައުރެއް އަދާކުރި ކަމަށާއި ޒެޕޮރިޒްޒިއާ ނިއުކްލިއާ އިންޖީނުގެއިން ސަޕްލައި ފޯރުކޮށްދިނުން މެދުކެނޑުމަކީވެސް އިގްތިސާދީ ދުވެލި މަޑުވާން ދިމާވި ސަބަބުތައް ކަމަށް އިގްތިސާދާއިބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ކަޅު ކަނޑު ހުރަސްކޮށް ދަނޑުވެރިކަމުގެ ބާވަތްތައް ފޮނުވަން ހުއްދަ ދިނުމުގެ އެއްބަސްވުމާއެކު ޔުކްރެއިނުން އެކްސްޕޯޓުކުރި މިންވަރު ވަނީ %23އަށް އިތުރުވެފައެވެ. އަދި މިއީ ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެބްރުއަރީ މަހު ފެށިފަހުން އެކްސްޕޯޓުކުރި މިންވަރު މިހާ މަތިވި ފުރަތަމަ ފަހަރެވެ.

ސެޕްޓެމްބަރު މަހު އިގްތިސާދީ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވި ނަމަވެސް ހަނގުރާމަ ކުރިއަށް ދިއުމުގެ ސަބަބުން ވިޔަފާރީތަކަށާއި ލޮޖިސްޓިކްސްއަށް އަސަރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ޕްރޮޑަކްޝަން ފެސިލިޓީތަކާއި އިންފްރާސްޓްރަކްޗާ އަދި ރެޒިޑެންޝަލް އިމާރާތްތައް އިތުރަށް ހަލާކުވެ، ހަނގުރާމަ ދެމިގެންދާނެ ދުވަހާ މެދު ޔަގީންކަން ނެތުމަކީ ތަރައްގީއަށް ހުރަސް އެޅި، ގައުމު އަލުން އާރާސްތު ކުރުމަށް އެޅޭ ހުރަހެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޔުކްރެއިންގެ މަރުކަޒީ ބޭންކުން ޖުލައި މަހު ވިދާޅުވެފައިވާ ގޮތުގައި މިއަހަރު ޔުކްރެއިންގެ އިގްތިސާދީ ދުވެލި ތިންބައިކުޅަ އެއްބަޔަށް މަޑުޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަންނަ އަހަރުގެ އިގްތިސާދީ ދުވެލި %5 އަށް ހަލުއިވާނެއެވެ. އަދި 2024 ވަނަ އަހަރުގެ އިގްތިސާދީ ދުވެލި %6 އަށް ހަލުއިވާނެ ކަމަށް ލަފާކުރާ ކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ވިދާޅުވެފައެވެ.