ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ.ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ރަށު ސްކޫލުގައި އާރު.އޯ މެޝިނެއް ބަހައްޓައިފިއެވެ.
ބީއެމްއެލުން ވިދާޅުވީ މި ޕްރޮޖެކްޓް ގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުން ކަމަށެވެ. މިގޮތުން، އިންޑަސްޓްރިއަލް އާރު.އޯ މެޝިނެއް ބަހައްޓައި އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބޯން ލިބޭނެހެން ސްކޫލުގައި ވަނީ 2 ވޯޓަރ ޑިސްޕެންސަރވެސް ބަހައްޓާފައެވެ.
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ފަރާތުން މުސްތަފާ އަހްމަދު ވިދާޅުވީ މި ޕްރޮޖެކްޓް ގެ ސަބަބުން މި ރަށު ސްކޫލުގައި ކިޔަވަމުންދާ 186 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކާމާއެކީ ލިބޭނެކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން." މުސްތަފާ އަހްމަދު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓް ގެ ދަށުން ކޮލަމާ ޖަމިއްޔާ ގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށް ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ތިމާވެއްޓާއި ރައްޓެހި ގޮތް ހިޔާރުކުރުމަށްޓަކައި އަޒުމް ކަނޑައަޅާފައެވެ. އަދި މި ޕްރޮޖެކްޓަކީ ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް މަގުފަހި ކުރުމަށްޓަކައި މި ޖަމިއްޔާގެ ފަރާތުން ބެހެއްޓިފައިވާ ޕްލާންޓާއި ފިލްޓަރ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސް މަސައްކަތްކުރަމުންދާނެއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.