ޚަބަރު

އުތުރު ކޮރެޔާއިން ތަޖުރިބާކުރި މިސައިލް ވެއްޓުނީ ޖަޕާނަށް


އުތުރު ކޮރެޔާއިން އަނެއްކާވެސް އިތުރު މިސައިލް ޓެސްޓުތަކެއް ހަދައިފިއެވެ. އުތުރު ކޮރެޔާއިން ޓެސްޓު ކުރި ދެ ބެލިސްޓިކް މިސައިލް 100 ކިލޯމީޓަރު އުހުގައި 350 ކިލޯމީޓަރުގެ ސަރަޙައްދަކަށް ދަތުރު ކުރުމަށްފަހު ވެއްޓިފައިވަނީ ޖަޕާނުގެ އިޤްތިޞާދީ ސަރަޙައްދުގެ ކައިރިއަށް ކަމުގައި ޖަޕާނުން ބުނެއެވެ.

އޮކްޓޯބަރު 4ވަނަ ދުވަހު ވެސް އުތުރު ކޮރެޔާއިން ވަނީ މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ޓެސްޓު ކޮށްފައެވެ. އެ މިސައިލް ދަތުރު ކޮށްފައި ވަނީ ޖަޕާނުގެ މަތިންނެވެ. ޖަޕާނުގެ ވައިގެ ސަރަޙައްދަށް މިސައިލް އެތެރެވުމާ އެކު އެ ޤައުމުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އުތުރު ކޮރެޔާއިން މި ފަދަ ގޮތަކަށް ޖަޕާނުގެ މަތިން މިސައިލެއް ފޮނުވައިލާފައި ވަނީ މީގެ ފަސް އަހަރު ކުރިންނެވެ.

އުތުރު ކޮރެޔާއިން އޮކްޓޫބަރު 9ވަނަ ދުވަހު ކުރި ބެލިސްޓިކް މިސައިލް ޓެސްޓުތަކާ ގުޅިގެން ޖަޕާނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޓޮޝިރޯ އިނޯ ވިދާޅުވީ އުތުރު ކޮރެޔާގެ މި ފަދަ ޢަމަލުތައް ބަލައިނުގަންނަ ކަމުގައެވެ. މިއީ، ސެޕްޓެންބަރު 25ވަނަ ދުވަހަށް ފަހު އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ހަދާފައިވާ ހަތްވަނަ ފަހަރެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާއިން ވެސް ވަނީ އުތުރު ކޮރެޔާގެ އަމަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެމެރިކާއިން ބުނީ އުތުރު ކޮރެޔާގެ އަމަލުތަކުގެ ސަބަބުން ކޮރެޔާ ސަރަޙައްދުގެ ސުލްޙަމަސަލަސް ކަމަށް ބުރޫ އަރަމުންދާ ކަމުގައެވެ. ނަމަވެސް، މި ފަދަ މިސައިލް ޓެސްޓުތަކުގެ ސަބަބުން އެމެރިކާއަށާއި އެ ޤައުމުގެ އެކުވެރިންނަށް ނުރައްކަލެއް އޮތް ކަމަށް ޤަބޫލު ނުކުރާ ކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.

ދެކުނު ކޮރެޔާއިން ބުނީ، މި ފަދަ މިސައިލް ޓެސްޓުތަކަކީ ނިއުކްލިޔަރ ޓެސްޓެއް ހެދުމަށް އުތުރު ކޮރެޔާއިން ވަމުންދާ ތައްޔާރީތަކެއް ކަމުގައެވެ. އެ ޤައުމުން އެންމެ ފަހުން ނިއުކްލިޔަރ ބޮމެއް ޓެސްޓުކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ. އުތުރު ކޮރެޔާއިން އެންމެ ފަހުން ޓެސްޓު ކޮށްފައި ވަނީ ކޮން ބާވަތެއްގެ މިސައިލެއް ކަން ބެލުމަށް މިހާރު ވަނީ ތަހުޤީޤު ފަށާފައެވެ.

މިސައިލް ޓެސްޓުތައް ހެދި ވަގުތު ކެނެޑާގެ ޚާރިޖީ ވަޒީރު މެލަނީ ޖޯލީ ހުންނެވީ ދެކުނު ކޮރެޔާގައެވެ. ދެ ކޮރެޔާ ގުޅޭ ސަރަޙައްދީ ރޮނގުގައި އޮންނަ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދުގައެވެ. އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސްގެ އިތުރުން އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު ޖޭމްސް ކްލެވަރލީ ވެސް ވަނީ ދާދި ފަހުން އެ ސަރަޙައްދަށް ޒިޔާރަތް ކުރައްވާފައެވެ.

އުތުރު ކޮރެޔާއާ ދެކޮޅަށް އ.ދ.އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އެހީތެރިވުމުގެ ގޮތުން ކެނެޑާއިން ދަނީ އެ ސަރަޙައްދަށް މަނަވަރަކާއި ޖާސޫސް ކުރާ މަތިންދާބޯޓެއް ފޮނުވަން ތައްޔާރުވަމުންނެވެ. ޖޯލީ ވެސް ވިދާޅުވީ އުތުރު ކޮރެޔާގެ އަމަލުތަކުގެ ސަބަބުން ކޮރެޔާ ސަރަޙައްދުގެ ސުލްޙައާއި ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމުގައެވެ.

އޮކްޓޫބަރު 4ވަނަ ދުވަހު ޖަޕާނު މަތިން މިސައިލެއް ފޮނުވައިލާ ހެދި ޓެސްޓާ އެކު ހަނު އޮތުމަށް ފަހު އުތުރު ކޮރެޔާއިން އެންމެ ފަހުން މި ވަނީ އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އުތުރު ކޮރެޔާގެ ދަޢުލަތުގެ މީޑިޔާއިން ބުނީ، މިސައިލް ޓެސްޓުތަކަކީ އެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިފާޢީ ކަންކަން ވަރުގަދަ ކުރުމަށް ހަދާފައިވާ ޓެސްޓުތަކެއް ކަމުގައެވެ. އަދި، އެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރަނީ އެމެރިކާއިން ކަމުގައި ވެސް އުތުރު ކޮރެޔާއިން ބުނެއެވެ.

އުތުރު ކޮރެޔާގެ މިސައިލް ޓެސްޓުތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން އޮކްޓޫބަރު 9ވަނަ ދުވަހު ވަނީ އަސްކަރީ ތަމްރީނުތަކެއް ފަށާފައެވެ. އަދި، އެމެރިކާއިން ވަނީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ.