ޚަބަރު

ތޫފާން ޖޫލިޔާއާގެ ސަބަބުން ވެނެޒުއެލާގައި 22 މީހުން މަރުވެއްޖެ


ދެކުނު އެމެރިކާގެ ޤައުމުތަކަށް އެރި ބާރުގަދަ ތޫފާނެއް ކަމުގައިވާ ޖޫލިޔާގެ ސަބަބުން ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ވެނެޒުއެލާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ ރަށެއް ކަމުގައިވާ ލަސް ޓެހޭރިޔާސްގައެވެ. އެއީ، ވެރިރަށް ކަރާކަސްއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ އަރަގުއާ ސްޓޭޓުގެ ރަށެކެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސަރަޙައްދުގެ ކޯރުތައް ވެސް ވަނީ ބަންޑުން ޖަހައިލާފައެވެ. އަދި، ރަށުތެރޭގައި ކުއްލިއަކަށް ފެންބޮޑުވުމާ ގުޅިގެން 52 މީހަކު ގެއްލިފައިވާ ކަމަށާއި، އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ.

މި ހާދިސާތަކުގައި އެ ރަށުގެ ގިނަ އަދަދެއްގެ ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ. އަދި، ގިނަ އަދަދެއްގެ ރުއްގަސް ވަނީ ވެއްޓިފައެވެ. ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމާ ގުޅިގެން ލަ ޓެހޭރިޔާސް މުޅިން ސުންނާފަތިވެފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ބުނެއެވެ. މަގުތައް އޮތީ ހަލާކުވެ، ކުނިބުނި ޖަމާވެފައެވެ.

"މިހާތަނަށް ހޯދިފައި ވަނީ އެންމެ 22 މީހުންގެ ހަށިގަނޑު. އިތުރު 52 މީހަކު އަދިވެސް ނުފެނޭ. މި ރަށަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެތައް ބަޔެއްގެ ފުރާނަ ގެއްލިއްޖެ،" ވެނެޒުއެލާގެ ނައިބު ރައީސް ޑެލްޗީ ރޮޑްރީގޭޒް ވިދާޅުވިއެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ފައިބާފައިވާ ވެއްޔާއި ހިލަޔާއި ކިސަޑުގެ ދަށުވެ ގެއްލިފައިވާ މީހުން ހޯދުމަށް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި، މި މަސައްކަތުގައި ޢާންމުންގެ އެތަކެއް ސަތޭކަ ބަޔަކު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ކާރިސާއެއް. ރެކޯޑު މިންވަރަކަށް ވާރޭ ވެހިފައިވޭ. ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަސްގަނޑު އޮތީ އެއްކޮށް ފޯވެފައި،" ވެނެޒުއެލާގެ ދާޚިލީ ވަޒީރު ރެމީހިޔޯ ކެބަޔޯސް ވިދާޅުވިއެވެ. ބާރުގަދަ ތޫފާނެއް ކަމުގައިވާ ޖޫލިޔާ ވެނެޒުއެލާގެ ސަރަޙައްދުތަކަށް އަރާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ.

މި ހާދިސާއާ ގުޅިގެން ރައީސް ނިކޮލަސް މަޑޫރޯ ވަނީ ހިތާމަ ފާޅު ކުރުމުގެ ތިން ދުވަސް އިޢުލާނު ކުރައްވާފައެވެ. މިއީ، ފާއިތުވި 30 އަހަރުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި މި ފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. އަދި، ފަހުގެ ތާރީޚެއްގައި ކޯރުތައް ފުރިގެން ބަންޑުންވި ފުރަތަމަ ފަހަރެވެ.

ހުސްވި އޮގަސްޓު މަހުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ވެނެޒުއެލާގެ އެންޑީސް ފަރުބަރަ ހުންނަ ސަރަޙައްދުގައި ހިނގި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި 15 މީހުން މަރުވިއެވެ. އަދި، ސެޕްޓެންބަރު މަހުގެ ތެރޭގައި ބޯ ވާރެޔާ އެކު ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކެއްގައި އަށް މީހުން މަރުވިއެވެ. 1999ވަނަ އަހަރު ކަރާކަސްގެ އުތުރުން އޮންނަ ވާގަސްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 10,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.