ޚަބަރު

"ހައުސްފުލް 5" : ހައުސްފުލްގެ ހުރިހާ ކެރެކްޓާތަކެއް ފެންނާނެ


މި ހަފްތާ ފެށުނު ތަނުން މުނިފޫހިފިލުވުމުގެ ދާއިރާއިން ޚާއްސަކޮށް ބޮލީވުޑުން ލިބުނު އެންމެ ވަރުގަދަ އެއް ޚަބަރަކީ ކާމިޔާބު ފްރެންޗައިޒް ފިލްމު "ހައުސްފުލް" ގެ 5 ވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރުވާކަމުގެ ޚަބަރެވެ.

މުނިފޫހިފިލުވައިދޭ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން މި ފަހަރުގެ ފިލްމަކީ "ހައުސްފުލް" ގެ މިހާތަނަށް ދެއްކި 4 އިންސްޓޯލްމެންޓުގައިވެސް ފެނުނު ކެރެކްޓާތައް ފެންނާނެ ފިލްމެކެވެ.

2014 ވަނަ އަހަރު ރިލީޒްކުރި "ހައުސްފުލް 4" އަށް ފަހު ފްރެންޗައިޒްގެ ހުރިހާ ކެރެކްޓާތަކެއް ހިމަނައިގެން ފިލްމެއް އުފެއްދުމުގެ މަސައްކަތް ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއާދުވާލާ އަންނަނީ ކުރަމުންނެވެ. އެންމެ ފަހުން މިހާރު މި ވަނީ ސާޖިދުގެ މި ހުވަފެންވެސް ހަގީގަތަކަށްވާން އުޅޭކަމުގެ ކޮޅުމަތި ފެނިފައެވެ.

މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަހު ކޮޅު ފަށަން ހަމަޖައްސާފައިވާއިރު، މީގެ މަސައްކަތަށް ތައްޔާރުވާތާ ދުވަސްގަނޑެއް ވެއްޖެއެވެ. މިހާރު ކުރިއަށްދަނީ ފިލްމުގެ ސްކްރިޕްޓާއި، ކާސްޓު ފައިނަލް ކުރުމުގެ މަސައްކަތެވެ. މިހާ ގިނަ ކެރެކްޓާތަކަކާއިއެކު ގެނެސްދޭ މި ފިލްމުގައި ހިމެނޭ މަޖާ ސަކަރާތްގަނޑު ބަލާލާހިތުން ބެލުންތެރިން މިހާރު ތިބޭނީ ކެތްމަދުވެފައިކަން ޔަޤީނެވެ.

"ހައުސްފުލް" ފްރެންޗައިސްގެ ފުރަތަމަ ފިލްމު ނެރުނީ 2010 ގަ އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ލިބިފައިވެ އެވެ.

"ހައުސް ފުލް 2"ގައި އަކްޝޭ އާއި ރިތޭޝްގެ އިތުރުން ރިޝީ ކަޕޫރާއި ރަންދީރް ކަޕޫރު ވެސް ބައިވެރިވި އެވެ. އަދި "ހައުސް ފުލް 3"ގައި އަބީޝެކް ބައްޗަން ބައިވެރިވި އެވެ. މި ފިލްމު ޑައިރެކްޓްކުރީ ސާޖިދު-ފަރްހާދް ކިޔާ ޑައިރެކްޓަރުންގެ ދެ މީހަކު ވެގެންނެވެ. 2019 ވަނަ އަހަރު ނެރުނު ހައުސްފުލް 4 ގައި އަކްޝޭއާއި ރިތޭޝާއެކު ފެނިގެންދިޔައީ ބޮބީ ޑިއޯލެވެ.