ޚަބަރު

އަޔޫޝްއަށް އަނެއްކާވެސް ވަރުގަދަ ފިލްމެއް


އަޔޫޝް ޝަރުމާއަށް އަނެއްކާވެސް އާ ފިލްމެއް ލިބިއްޖެއެވެ. މިއީ އަޔޫޝްގެ ތިން ވަނަ ފިލްމެވެ.

ނަން އަދި އިއުލާނު ނުކުރާ މި ފިލްމުގެ ޓީޒާއެއްވެސް މިހާރު ވަނީ ދައްކާލާފައެވެ. މައިތޮލޮޖިކަލް އެކްޝަން އެޑްވެންޗާއެއްގެ ގޮތަށް ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރުންނަކީ ރަވީ ވަރުމާ އާއި އިމްރާން ސަރްދަރިއާއެވެ.

އަންނަ އަހަރު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި މީގެ ބަތަލާ އަކީ ކާކު ކަމެއްވެސް އަދި ނޭގެއެވެ. ޓީޒާގައިވެސް ފެންނަނީ ހަމައެކަނި އަޔޫޝްއެވެ.

ސަލްމާންގެ އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އުމުރުން 31 އަހަރުގެ އާޔޫޝް ބޮލީވުޑަށް ނުކުތީ ސަލްމާން ޕްރޮޑިއުސްކޮށް 2018 ވަނަ އަހަރު ދެއްކި "ލަވްޔާތުރީ" އިންނެވެ. އަދި އޭނަގެ ދެވަނަ ފިލްމަކީ ސަލްމާން ވެސް މުހިއްމު ރޯލެއް ކުޅުނު މިދިޔަ އަހަރުގެ "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ.

މީގެއިތުރުން އަންނަ ޑިސެމްބަރުމަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ކި ސީ ކީ ބާއި ކި ސީ ކީ ޖާން" އިންވެސް އަޔޫޝް ފެންނާނެ ވާހަކަ ކުރިން ދައްކާފައިވާއިރު އޭނާ އަމިއްލައަށް ވަނީ އެ ފިލްމުން ވަކިވެފައެވެ.