ކުޅިވަރު

ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ޝޫޓިން ޓީމު މިސްރަށް


އިންޓަނޭޝަނަލް ޝޫޓިން ސްޕޯޓްސް ފެޑެރޭޝަން (އައިއެސްއެސްއެފް) އިން ބާއްވާ ވޯލްޑް ޝޫޓިން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޝޫޓިން ޓީމު މިސްރަށް ފުރައިފިއެވެ.

ގައުމީ ޝޫޓިން ޓީމު މިސްރަށް ފުރާފައި ވަނީ އާދީއްތަ ދުވަހުގެރޭގެ ވަގުތެއްގައެވެ. މި މުބާރާތުގައި ރާއްޖޭން ދެ ކެޓަގަރީއެއްގައި ވާދަކުރާނެއެވެ. އެއީ ޕިސްޓަލް އާއި ރައިފަލް ކެޓަގަރީގައެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ގައުމީ ޝޫޓިން ޓީމުގައި ހިމެނެނީ ޒިޔާން ޒިޔާއު އާއި، އާސިފާ ޖައުފަރާއި، ޝަރަފިއްޔާ އަބްދުލް ރަޙްމާން އަދި އަޙްމަދު ސިރާޖެވެ. މި ޓީމުގެ ހެޑް ކޯޗަކީ ހުސެއިން އަބްދުލް ގަފޫރެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޓީމުގފެ ކޯޗު ހުސެއިން ބުނީ މިވަރުގެ ބޮޑު މުބާރާތެއްގައި ބައިވެރިވުންވެސް މިއީ ޝޫޓަރުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން އޭޝިއާ ފެންވަރުގެ މުބާރާތްތަކުގައި ރާއްޖޭގެ ޝޫޓަރުން ވާދަކުރާއިރު ތަފާތު ފެނިގެންދާނެ ކަމަށްވެސް ބުންޏެވެ.

ހުސެއިން ވަނީ މިފަދަ މުބާރާތެއްގައި ރާއްޖޭގެ ޝޫޓަރުން ބައިވެރިކުރުމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ޝުކުރުއަދާކޮށްފައެވެ.

ރާއްޖޭގެ ޝޫޓަރުންނަށް ވޯލްޑް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާއިރު، ޝޫޓިން ޓީމުގެ ޒުވާން ޝޫޓަރު ޒިޔާނަށް ވަނީ އޮލިމްޕިކް ސްކޮލާޝިޕެއްވެސް ލިބިފައެވެ.