ޚަބަރު

އިސްލާމްއާބާދުގެ އެންމެ ބޮޑު ފިހާރަބަރީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް


ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އެންމެ ބޮޑު އެއް ފިހާރަބަރި ކަމުގައިވާ ސެންޓޯރަސް މޯލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާން ރޯވުމާ އެކު، އެ ވަގުތު ފިހާރަބަރީގައި ތިބި އެންމެން ވަނީ ސަލާމަތްކަމާ އެކު އެ ތަނުން ނެރެފައެވެ. މި ހާދިސާ ހިނގި ވަގުތު ޢިމާރާތުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

އަލިފާން ރޯވެފައި ވަނީ ޢިމާރާތުގެ އަށްވަނަ ފަންގިފިލާގައި ކަމަށާއި، ދެ ގަޑިއިރަށް ފަހު އަލިފާންގަނޑު ނިއްވައިލާފައިވާ ކަމުގައި އިސްލާމްއާބާދުގެ ފުލުހުން ބުނެއެވެ. މެންދުރުގެ ކެއުމުގެ ވަގުތުގައި ޢިމާރާތުގައި ހުންނަ ކާބޯތަކެތީގެ ޚިދުމަތްދޭ ފުޑްކޯޓްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެ ތަނަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އަލިފާން ނިއްވާ 12 އުޅަނދާއި ހެލިކޮޕްޓަރެއް ބޭނުންކޮށްގެން ކުރި މަސައްކަތުންނެވެ. އެހާ އަވަހަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ، ޢިމާރާތުގެ ތެރޭގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމުގެ އެހީތެރިކަމާ އެކުގައި ކަމަށް އިސްލާމްއާބާދުގެ ފުލުހުން ބުނެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޢިމާރާތުގެ އިތުރުން އެ ސަރަޙައްދުގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތައް ވަނީ ހުސްކޮށްފައެވެ. އަދި، އެ ތަނަށް މީހުން އަނބުރާ ވަނުމުގެ ހުއްދަ ދެވޭނީ، އެ ތަނަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ފަހުގައި ކަމަށް ޕާކިސްތާނުގެ ކެޕިޓަލް ޑިވެލޮޕްމެންޓް އޮތޯރިޓީން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ފުރިހަމަ ތަހުޤީޤެއް ހިންގުމަށް ގޮވައިލާ، މި ކަމާ ގުޅިގެން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވާފައެވެ.